ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އާފަސިންޖަރު ޓާމިނަލް, ޓާމިނަލް އެކަކުން ލޯ-ކޯސްޓް ދެ އެއާލައިން ކަމަށްވާ, އެއާ އޭޝިއާ މެލޭޝިޔާ އަދި ތައި އެއާ އޭޝިއާ އަށް ޚިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް އެކަކުން މި އެއާލައިންތަކަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށްޓަކައި، ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ, ޑެޕިއުޓީ ކޮމިޝްނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަޙުމަދު ސަޢުދީއެވެ.
މި ރަސްމިއްޔާތުގައި އެއާއޭޝިއާ ގްރޫޕުގެ ސްޓޭޝަން މެނޭޖަރު އިބްރާޙިމް ޢަބްދުލް ކަރީމް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
އިއްޔެ ރަސްމިއްޔާތުގައި ދެ އެއާލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށްހުޅުވައި, އެއާ އޭޝިއާ މެލޭޝިޔާ އިން ފުރި 135 ފަސިންޖަރުނާއި ތައި އެއާއޭޝިއާ އިން ފުރި 144 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށްކައިރި ކުރި އެއާ އޭޝިއާ މެލޭޝިޔާގެ ފުރަތަމަ ފްލައިޓް, AK074 އިން ރާއްޖެ އައި 164 ފަސިންޖަރުންނާއި ތައި އެއާއޭޝިއާގެ ފުރަތަމަ ފްލައިޓް, FD175 އިން ރާއްޖެ އައި 138 ފަސިންޖަރުންނަށް ވަނީ ޘަގާފީ ޙަރަކާތްތަކާއެކު ހޫނު މަރްޙަބާއެއް ކިޔައިފައެވެ.
އެއާ އޭޝިއާ މެލޭޝިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 22 އޮކްޓޫބަރު 2015 ގައެވެ. ތައި އެއާ އޭޝިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 11 އޮގަސްޓް 2017 ގައެވެ.
އެއާ އޭޝިއާ ގުރޫޕްގެ ދެ އެއާލައިންއާއެކު, ޓާމިނަލް އެކަކުން ޚިދުމަތް ދޭން ފެށި އެއާލައިންތަކުގެ ޢަދަދު ވަނީ 25 އަށް އިތުރުވެފައެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

