logo

އދގެ ބެލުމުގެދަށުން ސުލްހަ ބަލަހައްޓާ ފައުޖެއް ޣައްޒާއަށް ފޮނުވަން ފްރާންސުން ހުށަހަޅައިފި

ސައިފު އަޒުހަރު
15 ދުވަސް ކުރިން
ފަލަސްތީނު މިނިވަން ދައުލަތާ ގުޅޭގޮތުން ރޭ ބޭއްވި އދގެ އާންމު މަޖިލީހުގެ ޚާއްސަ ޖަލްސާގައި ފަރަންސޭސި ރައީސް ވާހަކަފުޅު ދައްކަވަނީ: ފަރަންސޭސިވިލާތުން ރޭގައިވަނީ ފަލަސްތީނު ދައުލަތް ބަލައިގެންފައި

ފަލަސްތީނު މިނިވަން ދައުލަތާ ގުޅޭގޮތުން ރޭ ބޭއްވި އދގެ އާންމު މަޖިލީހުގެ ޚާއްސަ ޖަލްސާގައި ފަރަންސޭސި ރައީސް ވާހަކަފުޅު ދައްކަވަނީ: ފަރަންސޭސިވިލާތުން ރޭގައިވަނީ ފަލަސްތީނު ދައުލަތް ބަލައިގެންފައި

އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން މިޝަންއެއް ނުވަތަ ބައިނަލްއަގްވާމީ ސުލްހަ ބަލަހައްޓާ ފައުޖެއް ޣައްޒާއަށް ފޮނުވަން ފަރަންސޭސިވިލާތުން ހުށަހަޅައިފިއެވެ.

އަދި މި ފައުޖު ގާއިމްކުރުމާބެހޭ ޕްލޭންގެ ދެލިކޮޕީ، ފަރަންސޭސިވިލާތުން މިހާރު އދގެ މެމްބަރު ގައުމުތަކަށް ފޮނުވާފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އިސްރާއީލުގެ މީޑިއާއިން ބުނެފައިވަނީ، ފަރަންސޭސި ޕްލޭންގައިވަނީ، އިސްރާއީލު ސިފައިން ޣައްޒާއިން ބާލައި، ބައިނަލްއަގްވާމީ ފައުޖަކުން ޣައްޒާއާ ހަވާލުވުމަށް ކަމަށެވެ.

ޣައްޒާއަށް ބައިނަލްއަގްވާމީ ސުލްހަ ބަލަހައްޓާ ފައުޖެއް ފޮނުވަން ފަރަންސޭސިން ހުށަހެޅި ޕްލޭނަކީ، ދާދިފަހުން ފާސްކުރި ނިއުޔޯކް ޑެކްލަރޭޝަންގެ ދަށުން އައި ހުށަހެޅުމެކެވެ.

ނިއުޔޯކް ޑެކްލަރޭޝަންގެ ދަށުން، ފަލަސްތީނު – އިސްރާއީލު މައްސަލަ ހައްލުކުރަން "ދެދައުލަތުގެ ހައްލަށް" ދިއުމަށް އދގެ 142 މެމްބަރު ގައުމުގެ ވޯޓާއެކު ފާސްކޮށްފައި ވެއެވެ.

މިއީ، ސައުދީ އަރަބިއްޔާއާއި، ފަރަންސޭސިވިލާތުން އިސް ނަގައިގެން ކުރި މަސައްކަތުގެ ނަތީޖާއެވެ. އދގެ އިސް ނެގުމުގެ ދަށުން ބޭއްވި ބައްދަލުވުމުގެ ކޯ ސްޕޮންސަރުންނަކީވެސް ސައުދީ އަރަބިއްޔާއާއި ފަރަންސޭސިވިލާތެވެ.

ޣައްޒާއަށް އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން މިޝަންއެއް ފޮނުވަން ފަރަންސޭސިވިލާތުން ހުށަހެޅި ޕްލޭންގައި ހިމެނޭ މުހިންމު ނުކުތާތަކުގެ ތެރޭގައި ބުނެފައިވަނީ، ޣައްޒާއަށް ފޮނުވާ މިޝަންއަކީ އދގެ މިޝަންއަކަށް ވާންޖެހޭނެ ކަމަށާއި، އެ މިޝަންގައި އިސްކޮށް ތިބޭނީ ސަރަހައްދުގެ ގައުމުތައް ކަމަށެވެ.

އެ މިޝަންއަށް ޚަރަދު ކުރާނީ މިސްރު، އުރުދުން، ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ގަތަރުން ކަމަށްވެސް ބުނެފައި ވެއެވެ.

ފުރަތަމަ ފިޔަވަހީގައި ކުރަން ކަނޑައަޅާފައިވަނީ ހަނގުރާމަ ހުއްޓުވުމަށް ވެވޭ އެއްބަސްވުން މޮނިޓަރކުރުމާއި، އާންމުން ރައްކާތެރި ކުރުމާއި، އިންސާނީ އެހީ އެތެރެކުރެވޭކަން ކަށަވަރު ކުރުމެވެ.

ދެވަނަ ފިޔަވަހީގައި ކުރުމަށް ހުށަހަޅާފައިވަނީ، ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާތައް ފަލަސްތީނު ސަރުކާރާއި ހަވާލުކުރުމާއި، ޣައްޒާ އަލުން ބިނާކުރުމާއި، އައު އިންތިޚާބު ބޭއްވުމުގެ ތައްޔާރީތައް ކުރުމެވެ.

ފަރަންސޭސި ހުށަހެޅުމުގައި ކަނޑައަޅާފައިވާ އެންމެ މައިގަނޑު އެއް ކަމަކީ، ހަމާސްއަތުން ހަތިޔާރު އަތުލުމެވެ.

ad