logo

ގެދޮރު ގަތުމަށް ބީއެމްއެލުން ދޫކުރާ ލޯނުގެ އިކުއިޓީ ފަސް އިންސައްތައަށް ދަށްކޮށްފި

އާޝިޔާ ޞާލިޙް
7 ދުވަސް ކުރިން

ގެދޮރު ގަތުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލޯނުގެ އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ފަސް އިންސައްތައަށް ދަށްކޮށްފިއެވެ.

މީގެ ކުރިން ގެދޮރު ގަތުމަށް އެ ބެންކުން ދޫކުރާ ލޯނާއި ފައިނޭންސިންގެ އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ މިވަރު ހުރީ 20 އިންސައްތައިގައެވެ.

މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފް ވަނީ ދިވެހި އާއިލާތަކަށް ގެދޮރުވެރިކަން ހޯދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ބޭންކުން ހެޔޮ ބަދަލުތައް ގެންނަމުންދާކަން ފާހަގަކުރައްވާފައެވެ.

ގެދޮރު ގަތުމަށް ފައިނޭންސިން ދޫކުރުމުގައި އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ ނިސްބަތް އެންމެ %5 އަށް ދަށްކުރުމާއެކު ގެދޮރުވެރިވާން ބޭނުންވާ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު މާލީ އެއް ގޮންޖެހުމަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް، 3.5 މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް ގަންނަން ބޭނުންވާ ފަރާތަކުން ކުރިން %20 ގެ އިކުއިޓީގެ ގޮތުގައި 700,000 ރުފިޔާ ހޯދަން ޖެހުނު ނަމަވެސް، މި ބަދަލާއެކު އެ އަދަދު މިވަނީ 175,000 ރުފިޔާއަށް ދަށްވެފައި،" ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް އިތުރު ރަހުނަކާ ނުލައި ދޫކުރާ ލޯނުގެ އަދަދު، ބީއެމްއެލްއިން ދާދި ފަހުން ވަނީ 3 މިލިއަން ރުފިޔާއަށް ބޮޑުކޮށްފައެވެ.

ad