-
-
logo

އެމްޑީޕީގެ އަބަދުވެސް ސިޔާސަތަކީ ޖަޒީރާކޮށް ރާއްޖެ ތަރައްޤީ ކުރުން: ރައީސް

މުހައްމަދު ސައްމާހް
އަހަރެއް ކުރިން
އެމްޑީޕީގެ އަބަދުވެސް ސިޔާސަތަކީ ޖަޒީރާކޮށް ރާއްޖެ ތަރައްޤީ ކުރުން: ރައީސް

ރައީސް ޞާލިޙު

އުފާވެރި އަމާން ރާއްޖެ ކެމްޕޭން މި ޝިޔާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ގެންދަވަނީ ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްރަށަށް ޒިޔާރަތްކުރައްވައި ސަރުކާރުން ފަށައި ނިންމާފައިވާ ގިނަ މަޝްރޫއުތައް އިފްތިތާހުކޮށްދެމުންނެވެ. އެގޮތުން މިއަދު އއ މަތިވެރިއަށް ވަޑައިގެން ރައީސް ސާލިހް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރު، 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ދެމެދު އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ރާއްޖޭގެ ރަށްތަކުގެ ތެރެއިން ބައެއް ރަށްރަށް އޮތީ ތަރައްގީ ނުކޮށް ދޫކޮށްލެވިފައި ކަމަށެވެ. މަތިވެރިއަކީ ވެސް އެގޮތަށް ދޫކޮށްލެވިފައިވާ ރަށެއްކަން ފާހަގަ ކުރައްވައި، އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ އަބަދުވެސް ޖަޒީރާ ގޮތުގައި ރާއްޖެ ތަރައްގީ ކުރުން ކަމަށެވެ.

ރައީސް ސާލިހް ވިދާޅުވީ އެމްޑީޕީގެ މިވެރިކަމުގެ ފަސް އަހަރު ދުވަހާއި އޭގެ ކުރީ ފަސް އަހަރު ދުވަހުގައި ކަން ހިންގަމުން ދިޔަ ގޮތް ވަރަށް ގާތުން މަތިވެރީގެ ރައްޔިތުންނަށް ވާނީ ފެނިފައި ކަމަށެވެ.

2018 ވަނަ އަހަރުގެ މެނިފެސްޓޯގައި އެމްޑީޕީން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި އެންމެ މުހިއްމު އެއްކަމަކީ ލާމަޒުކަޒީ ނިޒާމް އިސްލާހުކޮށް ކައުންސިލްތަކަށް ބާރުދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މަތިވެރި އާއި އެހެނިހެން ރަށްރަށުގެ ކަންކަން ނިންމުމުގެ ކުރިން ކައުންސިލްގައި ތިއްބަވާ މެމްބަރުންގެ ވިސްނުން ހުރި ގޮތާއި އެކައުންސިލެއްގެ ނިންމުމާއި އެއްގޮތަށް ނޫންގޮތަކަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.

އެގޮތުން މަތިވެރީގެ ރައްޔިތުންނަށް އެދުވަސްވަރު ހައްލުކުރުމަށް އެންމެ ދަތިވި އެއް މައްސަލައަކީ މަތިވެރި ކައިރީގައިވާ ފަޅުރަށެއް ކަމަށްވާ މަތިވެރި ފިނޮޅުގެ މައްސަލަކަން ފާހަގަކޮށް ރައީސް ވިދާޅުވީ މަތިވެރިފިނޮޅުން ލިބެންވާ ފައިދާ މަތިވެރީގެ ރައްޔިތުންނަށް އޭރު ލިބެމުން ނުދާ ކަމަށެވެ.

ގިނަ މަރުހަލާތަކަކަށްފަހު މަތިވެރި ފިނޮޅުގެ އެގްރިމެންޓް ބާތިލްކުރުމަށް ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް ފުރިހަމަކުރުމަށްފަހު ކައުންސިލުން އެދުނުގޮތަށް މަތިވެރިފިނޮޅު މިއަދު ވަނީ ކައުންސިލްގެ އިހްތިސާސްގެ ތެރެއަށް ލާންތައްޔާރުވެފައި ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދެން އެންމެ އަވަހަށް ބާއްވާ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަތިވެރިފިނޮޅު، މަތިވެރި ކައުންސިލުން އެދުނު ގޮތަށް އެރަށުގެ އިހްތިސާސްގެ ގޮތުގައި ކަނޑައެޅި ހަމަޖެހިގެންދާނެ ކަމަށެވެ.

ރައީސް ސާލިހް އއ އަތޮޅަށް ވަޑައިގެންފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނު ގެންދަވަނީ އއ އަތޮޅުގެ ބައެއް ރަށްރަށަށް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނުން. އެގޮތުން ބޮޑުފުޅަދޫ އާއި މަތިވެރި އަދި އެއަތޮޅު މާޅޮހަށް އެމްޑީޕީ އާއި ގުޅިފައިވާ ކޯލިޝަންގެ ލީޑަރުންނާ ލީޑަރޝިޕްގެ ބޭފުޅުންވަނީ ޒިޔާރަތްކުރައްވައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

ad