ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެފައިވާކަމަށް ތުހުމަތުކުރާ މައްސަލައިގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.
2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 25ވަނަ ދުވަހު، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލުހުކުމެއް ވަނީ އިއްވާފައެވެ. އެ ހުކުމް ބާތިލްކޮށް އަލުން މައްސަލަ ބެލުމަށް ހައިކޯޓުން ޙުކުމްކުރީ، 18 އެޕްރިލް 2024ގައެވެ
ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ، ޔާމީނުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތައް ނަފީ ކުރަން ދައުލަތުން ހުށަހެޅި އާ ހެކިތަކަށް ބެލުމަށްފަހުއެވެ. ކްރިމިނަލް ކޯޓުގެ އެ ނިންމުމާއި ގުޅިގެން، ޔާމީންގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުފާނު ކޮށްފައެވެ.
މިއަދު ސުޕްރީމް ކޯޓުން ހުކުމް އިއްވާފައިވަނީ ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ. އެއީ ޕީޖީން ހުށަހެޅި އާ ހެކިތައް ބަލައިގަތުން ގޯސް ކަމަށެވެ. ތިން ފަނޑިޔާރުންގެ ބެންޗަކުން މި މައްސަލަ ބެއްލެވީ، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
ޝަރީއަތުގެ އަޑުއެހުމުގައި ރިޔާސަތުގައި އިންނެވި، ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުން ތާއިދު ކުރެއްވިއެވެ.
މި މައްސަލައިގެ ޙުކުމް އިއްވަވަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، އާ ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ހިންގި އިޖުރާއަތުގައި އައިބެއް އުޅޭނަމަ އެ ކަމެއް ހައި ކޯޓުގައި ފާހަގަކޮށްދިނުމަކީ ދައުލަތަށް ކުރެވެން އޮތް ކަމެއް ކަމަށެވެ.
އަދި ދަށު ކޯޓުގައި ހުށަނާޅާ ނުކުތާއެއް މަތީ މަރުހަލާގެ ކޯޓެއްގައި ބެލޭނީ އެ ނުކުތާ ހުށަހެޅުމުގެ ފުރުސަތު ދަށު ކޯޓުގައި އެއްވެސް ގޮތަކުން ނެތް ނަމަ ކަމަށްވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

.jpg&w=256&q=75)
