އަރުމޭނިއާގެ ޔެރެވާންގައި މިހާރު ކުރިއަށްދާ ސީބީޑީ ކޮޕް17 ބައްދަލުވުމުގައި ދިވެހިރާއްޖޭގެ "ނޭޝަނަލް އިކޯސިސްޓަމް މެޕިންގް" ނުވަތަ ޤައުމީ އިކޯސިސްޓަމް ޗާޓު ރަސްމީކޮށް ދައްކާލައިފިއެވެ.
މި މަސައްކަތް ހުށަހަޅާފައިވަނީ 24 އޮކްޓޫބަރު 2026 ގައި ބޭއްވުނު "މޯލްޑިވްސް ނޭޝަނަލް އެކްސެލެރޭޓަރ: ފްރޮމް އިކޯސިސްޓަމް ޑޭޓާ ޓު ކަންޓްރީ އެކްޝަން" ސެޝަންގައެވެ.
މިއީ "ގްލޯބަލް އިކޯސިސްޓަމްސް އެޓްލަސް" ގެ ފުރަތަމަ ޤައުމީ އެކްސެލެރޭޓަރގެ ގޮތުގައި ރާއްޖެއިން ކުރިއަށްގެންދިޔަ މުހިންމު އިސްނެގުމެކެވެ.
މި ހަރަކާތުގައި ވާހަކަދައްކަވަމުން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) ގެ ޑިރެކްޓަރ އޮފް އެންވަޔަރަންމަންޓަލް ކޮމްޕްލަޔަންސް އެންޑް އެސެސްމަންޓް، ރިފްޢަތު ނަޢީމް ވިދާޅުވީ، ޤައުމީ ފެންވަރުގައި އެއްކުރެވޭ އިކޯސިސްޓަމްގެ މަޢުލޫމާތުގެ ސަބަބުން ތިމާވެށި ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
އަދި މި މަޢުލޫމާތުގެ އެހީގައި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ތައްޔާރުކުރުމަށާއި، ސްޕޭޝަލް ޕްލޭނިންގ ނުވަތަ ޖާގަ ބޭނުންކުރުމުގެ ޕްލޭން އެކުލަވާލުމުގެ އިތުރުން ތިމާވެށީގެ ގޮތުން ނާޒުކު ސަރަޙައްދުތައް ދެނެގަތުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓްރީގެ ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް، ރިސާޗް އެންޑް އެސެސްމަންޓް، އަޙްމަދު ޝާން ވަނީ މި ޗާޓު އެކުލަވާލުމުގައި ޤައުމީ ފެންވަރުގެ މާހިރުން ބައިވެރިވި ގޮތުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.
އެގޮތުން ވޯކްޝޮޕްތަކާއި، ސީދާ މައިދާނަށް ނުކުމެ މައުލޫމާތު ކަށަވަރުކުރުމުގެ އިތުރުން "އާތު އޮބްޒަވޭޝަން" އާއި ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސައްކަތް ކުރިއަށްގެންގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އާންމުކޮށް ހުޅުވާލެވިގެން ބޭނުންކުރެވޭ ޤައުމީ ބޭސްލައިނެއްގެ ގޮތުގައި ތައްޔާރުކުރެވުނު މި ޗާޓު، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކަނޑުގެ މާހައުލުތަކާއި ފަރުތަކުގެ އިކޯސިސްޓަމްތައް ހިމެނޭހެން ފުޅާކުރުމަކީ ރާއްޖޭގެ އަމާޒެއް ކަމަށްވެސް މި ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ.
ކޮޕް 17އިގައި ރާއްޖޭގެ އިކޯސިސްޓަމް ޗާޓް ރަސްމީކޮށް ދައްކާލައިފި
މަރްޔަމް
2 ގަޑިއިރު ކުރިން

ކޮޕް 17 ބައްދަލުވުމުގެ ތެރެއިން
