ގެދޮރު އެޅުމަށް ބޭންކްތަކުން ދޫކުރާ ލޯނުތަކަށް އިކުއިޓީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ހަމަޖެއްސުމުގައި އެހީތެރިވެ ދިނުމަށް ތައާރަފް ކުރާ ސްކީމްގެ ސަބަބުން ގޯތިގެދޮރު ހެދެން ނެތް ފަރާތްތަކަށް ލުޔެއް ލިބިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންގެ އަޑު" މި ނަމުގައި ކުރިއަށް ގެންދަވާ ސިލްސިލާގެ 10ވަނަ އެޕިސޯޑްގައި ބައިވެރިވީ ފަރާތަކުން ހުޅުމާލެ ފޭސް2އިން ލިބިފައިވާ ބިމެއްގައި ގެއެއް އެޅުމަށް ބޭންކް ލޯން ހޯދުމުގައި ދިމާވާ ދަތިތައް ރައީސް އާއި ހިއްސާކުރުމުން ރައީސް ވިދާޅުވީ ގެދޮރުއަޅަން ބޭނުންވާ ފަރާތްތަަކަށް ބޭންކްތަކުން ފަސޭހަ ކަމާއި އެކު އެހީތެރިކަން ފޯރުކޮށް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، ބޭންކަށް ދައްކަންޖެހޭ 5 ޕަސެންޓް ގެ އިކުއިޓީ ކޮމްޕޮނެންޓް ލުޔެއް ހޯދައިދިނުމުގެ ޚާއްޞަ ސްކީމެއް އެކުލަވާ ލުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މިސްކީމަށް ބޭނުންވާ ފައިސާ މިހާރުވެސް ޓްރަސްޓް ފަންޑުގައި އެބަހުރި ކަމަށާއި މި ސްކީމްގެ ދަށުން ސަރުކާރުން ފޯރުކޮށްދޭ ފައިސާ އަކީ އަނބުރާ ދައްކަން ނުޖެހޭގޮތައް ދޭ އެހީތެރިކަމެއް ކަމަށެވެ. އަދި މި ސްކީމްގެ ދަށުން 2 ލައްކަ އެއްހާ ރުފިޔާ ދޫކުރުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއެޕިސޯޑްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބިންލިބިފައިވާ ފަރާތްތައް އެއްކޮއްލައިގެން މަސައްކަތް ކުރާނަމަ 5 މީހުންނަށް އެއްކޮށް އެއް މިލިޔަން ރުފިޔާއާއި ހަމައާށް ލިބިގެން ދާނެ ކަމަށެވެ. އެހެންކަމުން ބެންކް ލޯން ހަމަ ޖެހުމުން އިމާރާތް ކުރުމުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދެވޭނެ ކަމަށެވެ. ސްކީމްގެ ތައްޔާރީ ތައް ވަމުންދާއިރު ސަރުކާރުގެ މައި ބޯހިޔާވަހިކަމުގެ ސްކީމަށްވެސް ބޮޑެތި ތައްޔާރުވަމުން އަންނަ ކަމުގައު ރައީސް ދރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

