މޫސުމީ ކޮންމެ ނުރައްކަލަކީ އޭގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ސީދާ ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށާއި، ގްރީން ފައިނޭންސިންގ ފުރުޞަތުތައް ފަހިކުރުމަކީ މާލީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޒަރީރު މިހެން ވިދާޅުވީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 13 ވަނަ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖެއަށް މޫސުމަށް އަންނަ ބަދަލުތަކަކީ، ރާއްޖޭގެ އިގުތިސާދަށާއި ތަރައްގީގެ އަމާޒުތަކަށާއި ރައްޔިތުންގެ ދިރިއުޅުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓުމާއި، ރަށްތައް ހިމާޔަތްކުރުމުގައި ކަނޑުތަކާއި ގުދުރަތީ ވެށި މުހިންމު ދައުރެއް އަދާކުރާއިރު، މި ވަސީލަތްތައް ރައްކާތެރިކުރުމަކީ އިޤުތިޞާދީ އަދި މާލީ ގޮތުން މަޖުބޫރު ކަމެއް ކަމަށް ޒަރީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮޕް-31 ގައި އިސްކަންދެއްވި މައިގަނޑު 3 ކަމަކަށް އަލިއަޅުއްވާލައްވައި ޒަރީރު ވިދާޅުވީ، ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތަށް ރިއާޔަތްކޮށް، ފަސޭހައިން ލިބޭ އަދި ހިލޭ އެހީގެ މައްޗަށް ބިނާވާ މާލީ އެހީތެރިކަން މުހިންމު ކަމަށެވެ.
މީގެ އިތުރުން އިންފްރާސްޓްރަކްޗާ، އިއާދަކުރަނިވި ހަކަތަ، ފެނުގެ ރައްކާތެރިކަން އަދި ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ ދާއިރާތަކުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާ ކަމަށް ވެސް ޒަރީރުގެ ވާހަކަފުޅުގައި ފާހަގަކުރެްވިއެވެ. އަދި ދައުލަތުގެ ބަޖެޓާއި ބައިނަލްއަގުވާމީ ހިލޭ އެހީގެ އިތުރުން އަމިއްލަ ވިޔަފާރިތަކުގެ ރައުސްމާލާއި ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް ހޯދަންޖެހޭ ކަމަށާއި، ގްރީން ފައިނޭންސް މުހިންމުވަނީ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި އިގްތިސާދީ އަގު އުފައްދާ އިންވެސްޓްމަންޓްތަކަށް ރައުސްމާލު އަމާޒުކުރުމަށް ކަމަށް ޒަރީރު ވިދާޅުވިއެވެ.
އަދި ރާއްޖެ ފަދަ ކުޑަ އިޤުތިޞާދެއްގައި މިފަދަ ބޮޑެތި ބަދަލުތައް ގެނެވޭނީ ހަމައެކަނި ސަރުކާރުގެ ވަސީލަތްތަކުން ނޫން ކަމަށާއި، ބައިނަލްއަގުވާމީ ރައުސްމާލާއި ފަންނީ އެހީތެރިކަން ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، އިގްތިސާދީ ފައިދާތަކަށް ފުންކޮށް ނުބަލައި މިފަދަ މުހިންމު އިންވެސްޓްމަންޓްތަކަށް ހުރަސްއެޅުމަކީ އިގްތިސާދަށް ގެއްލުންވާނެ ކަމެއް ކަމަށާއި، ސަރުކާރުގެ އަމާޒަކީ ދެފުށް ފެންނަ، ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔުން ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ގެ ވާހަކަފުޅުގައި ބޭންކުތަކުން އާ މާލީ އުފެއްދުންތައް ތައާރަފުކުރުމަށާއި، ވިޔަފާރިތަކުން ފައިދާހުރި ހުށަހެޅުންތައް ގެނައުމަށް ގޮވާލައްވާފައިވެއެވެ. އަދި ގްރީން ފައިނޭންސްގެ ކާމިޔާބީ ފެންނަންވާނީ ހަރުދަނާ މުޖުތަމައުތަކުންނާއި، އިންފްރާސްޓްރަކްޗާއިންނާއި، އިމްޕޯޓްކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަވުމުން ކަމަށާއި ރައްޔިތުންނަށް ލިބޭ މާލީ ރައްކާތެރިކަމުން ކަމަށް މާލީ ޒަރީރު ވިދާޅުވިއެވެ.
130 ބައިވެރިންނާއި އެކު، ދުސިތް ޑީ2 ފޭދޫ މޯލްޑިވްސް ގައި ކުރިޔަށް ގެންދާ މި ފޯރަމްގެ މިއަހަރުގެ ޝިއާރަކީ "ގްރީން ފައިނޭންސް: ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" އެވެ.

