ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، އެގްޒެކްޓިވް ޓީމްގެ މެންބަރުންގެ ދައުރަށްވެސް ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށް ހަލުވިކުރުމަށް އަމާޒުކޮށްގެން ގެނެވުނު ބަދަލެކެވެ. އަދި މިއީ ބޭންކުގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ޚިދުމަތުގެ ފެންވަރު މަތީ ދަރަޖައަކަށް ގެންދިއުމަށް އެކުލަވައިލާފައިވާ ދުރުރާސްތާގެ ސްޓްރެޓެޖިކް އަމާޒުތަކާ އެއްގޮތަށް ބޭންކުގެ މަސައްކަތްތައް ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ހިންގުމުގެ އޮނިގަނޑަށް މި ގެނެވުނު ބަދަލުތަކުގެ ތެރެއިން، ސީނިއަރ މެނޭޖްމަންޓް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އެ ބޭފުޅުންގެ މަގާމުތަކާ ގުޅުންހުރި އެހެން ދާއިރާތަކުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ. އެގޮތުން ގެނެވުނު ބަދަލުތަކަކީ:
- އައިޝަތު ޒަމްރާ ޒާހިރު — ޗީފް ކޮމަރޝަލް އޮފިސަރު
- މޫސާ ނިމާލް — ޗީފް މާކެޓިންގ އޮފިސަރު
- ރަޝްފާ ޖައުފަރު — ޗީފް ރިސްކް އޮފިސަރު
- ގެރީ ލޯޓަން — ޗީފް ކްރެޑިޓް އޮފިސަރު
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މި ބަދަލުތަކަކީ ބޭންކުގެ ކުރިއެރުމަށްޓަކައި ގެނެވޭ ބަދަލުތަކެއް ކަމަށާއި، ބޭންކު މިވަގުތު އޮތީ ހަރުދަނާ މާލީ ހާލަތެއްގަ ކަމަށެވެ. އަދި މަގުސަދަކީ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ބޭންކުގެ ކުރިއެރުން ހަލުވިކުރުން ކަމަށާއި، އިސް މަގާމުތަކުގެ ދައުރުތަކަށް ވަގުތީ ގޮތުން މި ގެނެވޭ ބަދަލަކީ ލީޑަޝިޕް ވަރުގަދަކުރުމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ. ތަޖުރިބާކާރު ވެރިންނަށް އެ ބޭފުޅުންގެ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކުގެ ތަޖުރިބާ ހޯދައިދިނުމަކީ، އެ ބޭފުޅުންގެ ހުނަރު އިތުރުވުމުގެ އިތުރުން މުޅި މުއައްސަސާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިއީ އެ ޓީމަށް އޮތް އިތުބާރާއި، ހުރިހާ ފަންތިއެއްގައި ދިވެހި ހުނަރުވެރި ވެރިން ބިނާކުރުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލުތަކުން ހާމަވަނީ ހަރުދަނާކޮށް، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ބޭންކު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ކަމަށެވެ. އަދި އެންމެ ބޮޑު ބޭނުމަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުން ކަމަށްވެސް ވިދާޅުވުއެވެ. މިއީ ބޭންކުގެ އެތެރޭގެ ހިންގުމަށް ގެނެވުނު ބަދަލުތަކަކަށް ވާތީ، ކަސްޓަމަރުންނަށް ބޭންކުން ފޯރުކޮށްދޭ ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކަށް ނުވަތަ މިހާރު މުއާމަލާތް ކުރަމުންދާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ބޯޑު އޮފް ޑައިރެކްޓަރުންގެ އެޕްރޫވަލްއާއެކު ބަދަލުގެނެވުނު އޮނިގަނޑަށް އަމަލުކުރަން ފަށާފައިވަނީ 4 އޯގަސްޓް 2026 އިން ފެށިގެންނެވެ.

.jpg&w=256&q=75)
