ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ ބޯޑުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.
މި އިންތިހާބަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބެކެވެ.އެލްޖީއޭއިން ބުނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން، އެލްޖީއޭގެ ބޯޑަށް ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ އެއް މެންބަރަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ އެއް މެންބަރަކު ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެލްޖީއޭއިން ޢާންމުކޮށްފައިވާ އިޢުލާނުގައިވާ މި އިންތިހާބު މިއަދު ކުރިއަށްދަނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 ގެ ނިޔަލަށެވެ.
އިންތިޚާބުގެ ވޯޓުލުން ނިންމައި، ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާނެއެވެ.
ދެ އިންތިޚާބުގައި ވޯޓު ކަރުދާހުގެ ކުލަ ތަފާތުވާނެ ކަމަށާއި އިންތިޚާބުގެ ވަގުތީ ނަތީޖާ ހޮނިހިރު ދުވަހުގެ ރޭ އިއުލާންކުރާނެ ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ. އަދި އަންނަ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރާނެއެވެ. މި އިންތިޚާބުގެ ވޯޓުނެގުން ކުރިއަށް ގެންދިއުމަށްޓަކައި އެކި ސަރަޙައްދުތަކުގައި ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެގޮތުން މާލެ ސިޓީގައި ވޯޓުފޮށި ހުންނާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގައެވެ. އަތޮޅު ތެރޭގައި ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކުގައި ވޯޓު ފޮށި ބަހައްޓާއިރު، އައްޑޫ ސިޓީ ހުޅުދޫގައި ވޯޓުފޮށި ބަހައްޓާނީ ހުޅުދޫ އިޖްތިމާޢީ މަރުކަޒު ގައެވެ.
އެލްޖީއޭގެ ބޯޑަށް މި ދެ ދާއިރާއިން މެންބަރުން އިންތިޚާބު ކުރުމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު ފުޅާކޮށް، ސިޔާސަތުތައް އެކަށައެޅުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން ކަށަވަރު ކުރުމަށްޓަކައި ޤާނޫނުގައި ލާޒިމުކޮށްފައިވާ މުހިންމު ކަމެކެވެ. މިއާއެކު، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.


