logo

އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން "އީވީޓޯލް" ކަހަލަ އުޅަނދުތައް ރާއްޖޭގައި ބޭނުންކުރެވިދާނެ: ޓްރާންސްޕޯޓް މިނިސްޓްރީ

މަރްޔަމް
10 ގަޑިއިރު ކުރިން

ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޫލްފްލައި އިން ހުޅުމާލޭގައި އިއްޔެ އުދުއްސަން ފެށި "އީވީޓޯލް" އުޅަނދަކީ ރާއްޖޭގެ އެކި ރަށްރަށުގައި މުުހިއްމު ބޭނުންތަކެއް ހިފިދާނެ އުޅަނދެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މިފަދަ އިލެކްޓްރިކް ޑްރޯންތަކަކީ ރަށްތަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ބޭނުންކުރެވިދާނެ އުޅަނދުތަކެއް ކަމަށެވެ. މި އުޅަނދުތައް ބޭނުންކޮށްގެން ދެވިދާނެ ފަސް ހިދުމަތެއް އެ މިނިސްޓްރީން ފާހަގަކޮށްފައި ވެ އެވެ. އެއީ:

މެޑިކަލް ސާމްޕަލް އެއް ރަށުން އަނެއް ރަށުގެ ލެބޯޓްރީ ތަކަށް ގެންދިޔުމާއި، އިމަޖެންސީ ހާލަތުގައި ގެންދަން ޖެހޭ ބޭސްފަރުވާގެ ސާމާނު ،ކުއްލި ހާލަތްތަކުގައި އަދި ކާރިސާތަކުގައި ބޭނުންވާ ފުރަތަމަ އެހީ ފަދަ ތަކެއްޗާއި މީހުން އުފުލޭ ގޮތައް ހުންނަ އުޅަނދުތައް ތައްޔާރުކޮށް މީހުން އުފުލުމުގެ އިތުރުން ތިމާވެއްޓާއި، އިންފްރާސްޓަރަކްޗަރ މޮނިޓަރ ކުރުމެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނިގޮތުގައި އެ ޓެކްނޮލޮޖީއަކީ ދަތުރުފަތުރުގައި މިހާރު ބޭނުންކުރާ ފެރީތަކާއި ޑޮމެސްޓިކް ފްލައިޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗަކަށް ނުވިޔަސް އެއީ އެ ހިދުމަތްތަކަށް ފަސޭހަކޮށްދޭނެ އެއްޗެއް ކަމަށެވެ.

އެ ބާވަތުގެ އުޅަނދުތައް ރާއްޖެއަށް ތައާރަފްކޮށް، ތަކެތި އުފުލުމުގައި ބޭނުންކުރުމަކީ އިގުތިސާދީގޮތުން ފުރުސަތުތަކެއް ހުޅުވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެއީ އާ ސިނާއަތްތައް ދިރި، ހުނަރު ހުރި މީހުންނަށް ވަޒީފާގެ ފުރުސަތުތައް އުފެދޭނެ ކަމެއް ކަމަށް ވެސް ބުންޏެވެ.

މީހުންނާއި މުދާ އުފުލޭ ޑްރޯން ތައާރަފް ކޮށް ބޭނުންކުރަން ފެށުމުން އުފެދޭނެ މަސައްކަތުގެ އެއް ފުރުސަތަކީ ޓްރާންސްޕޯޓުން ބުނި ގޮތުގައި އެއާކްރާފްޓްތަަކަށް މެއިންޓަނެންސާއި އިންޖިނިއަރިން އަދި ޓެކްނިކަލް ސަޕޯޓް ދިނުމެވެ. އަނެއް ކަމަކީ ޕައިލެޓުންނާއި ޓެކްނީޝަނުންނަށް ވަޒީފާ ލިބުމެވެ.

އެ އުޅަނދުތަކަށް ބޭނުންވާ ބެޓެރީ ވިއްކުމާއި ޗާޖްކުރުމުގެ ހިދުމަތަކީ ވެސް އުފެދޭނެ ފުރުސަތެކެވެ. މެޑިކަލް އިމަޖެންސީތަކަށް ބޭނުންވާ ސާމާނު ސަޕްލައި ކުރުމާއި އެއާ ސްޕޭސް މެނޭޖްމަންޓް އަދި އޭވިއޭޝަނަށް ބޭނުންވާ ސޮފްޓްވެއާ އުފެއްދުމަކީ ވެސް އޮންނާނެ ފުރުސަތެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި އީވީޓޯލް އުޅަނދު ދުއްވާ ގޮތް ދައްކާލުމަށް މިއަދު ބޭއްވި ހަރަކާތަކީ އެ މިނިސްޓްރީ އާއި ޗައިނާ އެމްބަސީ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ބޭނުމަކީ ކަމާ ގުޅޭ އިދާރާތަކަށާއި ވިޔަފާރިތަކަށް އެ ދާއިރާއިން އޮތް ފުރުސަތު ފާހަގަކޮށްދިނުމެވެ.

އީވީޓޯލް "މޭނެޑް ޑްރޯން" އުދައްސުމުގެ ހަރަކާތް ފެށީ ހުޅުމާލެ 1 ގެ ޗެނަލް ސަރަހައްދުގަ އިއްޔެ އެވެ. އެހަރަކާތް މިއަދު ވެސް ކުރިއަށް ގެންދާނެ އެވެ.

އެ ހަރަކާތުގައި ދައްކާލާފައިވަނީ ކޫލްފްލައި ކުންފުނީގެ އެއް ސީޓުގެ "ޑްރީމް އެސްޓީ" މޮޑެލްގެ އީވީޓޯލް އުޅަނދެކެވެ.

އީވީޓޯލް (އިލެކްޓްރިކް ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން) އަކީ ކަރަންޓުން ބާރުދީގެން، ހެލިކޮޕްޓަރެއް ފަދައިން ސީދާ މައްޗަށް އެރޭ އަދި ތިރިކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އުޅަނދެކެވެ.

މިއީ ތިމާވެއްޓާ ރައްޓެހި އަދި އަޑުމަޑު ޓެކްނޮލޮޖީއެކެވެ.


ad