ނިމިގެންދިޔަ ޕީއެންސީގެ ކޮންގްރެސް އިން އެ ޕާޓީގެ 2028ގެ ކެމްޕެއިން ޓީމު ވަނީ ވަރަށް ބޮޑަށް ތަރުތީބު ކުރެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީއެންސީގެ ކޮންގްރެސް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކުގެ އަގުވަޒަންކޮށް، އެ މެންބަރުންނަށް ޝުކުރު އަދާކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ. އަދި މިހާރު އޮތް ޖޯޝާ ފޯރީގައި މަސައްކަތްކޮށްފިނަމަ ރައީސް މުޢިއްޒަށް 2028 ކާމިޔާބު ކުރެވޭނެ ކަމަށެވެ. ބްދުއްރަހީމް ވިދާޅުވީ ކޮންގްރެސްގެ ތެރެއިން ފެނިގެންދިޔަ ބަދަހިކަމާއި ޖޯޝުގައި މަސައްކަތްކޮށްފި ނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
ރާާއްޖެއަށް ބޭނުންވަނީ ބިނާކުރަނިވި ފިކުރުގެ ވެރިއެއް ކަމަށާ އެ ފިކުރު އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.
ޕީއެންސީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ކަމަށާއި އަދި އެ ޕާޓީގެ ކޮންގްރެސް އަށް ގޮންޖަހާލެވޭ ވަރުގެ ކޮންގްރެސް ރާއްޖޭގައި މިހާތަނަށް ބާއްވާފައި ނުވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ޕާޓީގެ މެމްބަރުންގެ އަޒުމަކަށް ދެން ވާން ޖެހޭނީ އުފެދުނު ޕާޓީގެ ރޫހުގަ، ޕާޓީގެ ޖޯޝުގަ، ލިބުނު ހިތްވަރާއި މައުލޫމާތާއި ދަސްވި ފިލާވަޅުން އެންމެ ވަގުތެއް ވެސް، އެންމެ މިނެޓެއް ވެސް، އެންމެ ސިކުންތެއް ވެސް ނަގާ ނުލާ 2028 އަށް އަމާޒު ހިފަން ކަމަށްވެސް ވިދާޅުވި އެވެ.
މަތީ މަޖިލިސް ނިމިގެން ދިޔައިރު މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ކާމިޔާބު، އެންމެ ފުރިހަމަ، އެންމެ އިންތިޒާމުތައް ރަނގަޅު އެންމެ ބޮޑު ކޮންގްރެެސް ނުވަތަ މަތީ މަޖިލިސް ކަމަށެވެ.
ދިވެހިރާއްޖެއަށް ބޭނުންވަނީ ޕީއެންސީގެ ފިކުރުގެ ވެރިކަމެއް ކަމަށާއި، ގައުމީ ފިކުރުގެ ވެރިކަމެއް ކަމަށެވެ. ބިނާކުރަނިވި ފިކުރުގެ ވެރިކަމެއް ކަމަށާއި، ބިނާކުރަނިވި ފިިކުރު މިއަދު އޮތީ ބަޔަކު އަދި ހިތްހަމަޖެހުނަސް ނުޖެހުނަސް ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކީގަ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެެ.

