logo

ރައީސް ޕާކިސްތާނުގެ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއަށާއި، ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނުގެ ލީޑަރުންނަށާއި، ސަރުކާރަށާއި، އަޚުވަންތަ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މިގޮތުން، ޕާކިސްތާނުގެ ރައީސް ޒަރްދާރީއަށް ފޮނުއްވި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމުގެ މެދުގައި އޮންނަ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަން ފާހަގަކުރައްވައި، ތަފާތު ދާއިރާތަކުން އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ފޮނުއްވި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރައްވައި، ދެ ޤައުމުގެ މެދުގައިވާ ޒަމާންވީ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ވިދާޅުވެފައެވެ.
ސިޓީފުޅުތައް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، ޕާކިސްތާނުގެ ރައްޔިތުންނަށް ތާއަބަދުގެ ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

ad