logo

މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ދެނީ!

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
19 ގަޑިއިރު ކުރިން

ދިވެހިރާއްޖެއަށް ބޭނުންވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ދިނުމަށް މެލޭޝިއާ ސަރުކާރުން ނިންމައިފިއެވެ.

ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާ ކަމަށާއި މިކަމުގެ އުސޫލުތައް އެކުލަވާލައި ވީ އެންމެ އަވަހަށް އެއްބަސްވުމުގައި ސޮއިކުރުމަށް މަސައްކަތް ކުރިއަށްދާނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހީމް މިކަން ހާމަކުރެއްވީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމު ވެރިންގެ ގުޅިފައިވާ ބަޔާނުގައެވެ.
ބޮޑުވަޒީރު އަންވަރުގެ ވާހަކަފުޅު ރާއްޖެއިން ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރެއްވިއެވެ. މިއީ ކުރު ދަތުރުފުޅެއް ނަމަވެސް ދިވެހިރާއްޖެއިން މިދަތުރުފުޅުގެ އިންތިޒާމުތައް ހަމަޖައްސަވާފައިވަނީ ވަރަށް ފުރިހަމަކޮށްކަން ފާހަގަކުރައްވާ ބޮޑުވަޒީރު އަންވަރު ވިދާޅުވީ މިކަމުން ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދުގެ އޮތް އެކުވެރިކަމާއި އަޚުވަންތަ ގުޅުން ކަމަށެވެ

މީގެ އިތުރުން މިއީ ހަމައެކަނި ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި ރަޙްމަތްތެރިކަމުގެ މައްޗަށް ބިނާކޮށް ނިންމެވި ނިންމެވުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މާލީ އަދި އިޤްތިޞާދީ އެހީތެރިކަމުގެ އިތުރުން، ރާއްޖޭގައި ތެޔޮ ނުވަތަ މިނަރަލް ހޯދުމުގެ ދިރާސާތައް ކުރުމުގައި މެލޭޝިއާގެ މަޝްހޫރު ޕެޓްރޯނަސް ކުންފުނީގެ އެހީތެރިކަން ހޯދުމަށް ރައީސް ޑރ. މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެ ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމަށް ވެސް ބޮޑުވަޒީރު އަންވަރު ވިދާޅުވިއެވެ

ދެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ދެ ގައުމުގެ ލީޑަރުން ދެއްވި ގުޅިފައިވާ ބަޔާނުގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ބޭނުންވާ 100 މިލިއަން ޑޮލަރުގެ މާލީ ފެސިލިޓީއެއް ހަމަޖައްސައިދިނުމަށް އެ އޮތޯރިޓީން އެދިފައިވާތީ އެ ފެސިލިޓީ ހަމަޖައްސައިދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ. އަދި މެލޭޝިއާގެ ސެންޓްރަލް ބޭންކް، ބޭންކް ނެގާރާ މެލޭޝިއާ އަދި އެމްއެމްއޭ ގުޅިގެން މިކަމުގެ އުސޫލުތައް އެކުލަވާލައި، ވީ އެންމެ އަވަހަކަށް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އަންވަރު ވިދާޅުވިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ވާހަކަފުޅުގައި ފަލަސްޠީނު މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތަށް ތަޢުރީފް ކުރެއްވިއެވެ. އަދި ދެ ޤައުމުގެ ޚާރިޖީ ކަންކަމުގައި ދެ ޤައުމުގެވެސް ސިޔާސަތަކީ ދާދި އެއްގޮތް ސިޔާސަތަތުތަކެއްކަން ފާހަގަކުރައްވައި ބޮޑުވަޒީރު އަންވަރު ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ބައިނަލްއަޤްވާމީ މައިދާނުގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާފައެވެ.

ދެ ޤައުމުގެ ދެމެދު އިތުރަށް މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތުގައި އެއްބާރުލުން ދިނުން ހިމެނެއެވެ. މީގެއިތުރުން މެލޭޝިއާގެ ޕެޓްރޮނާސް ކުންފުނި މެދުވެރިކޮށް ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުމުގެ މަސައްކަތަކީވެސް ކުރިއަށް ގެންދެވޭނެ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އަދި އެމްބަސީއަށް ދިމާވާ ދަތިތައްވެސް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ބޮޑުވަޒީރު އަންވަރު ވަނީ ދެއްވާފައެވެ. ޖުމްލަކޮށް ރާއްޖެއިން އެދިވަޑައިގެންފައިވާ ކަންކަމަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ބޮޑުވަޒީރު އަންވަރު ވަނީ ދެއްވާފައެވެ

މެލޭޝިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމާއި އެއްބާރުލުން އައު އުސްމިންތަކަކަށް ގެންގޮސްދިން މުހިންމު ދަތުރުފުޅެއް ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

ad