logo

އެފްޑީސީގެ އަމާން ޓަވަރު ސަރަހައްދުން 670 ޓަނުގެ ކުނި ނަގައިފި

އާމިނަތު މޫސާ
21 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސްދޭއްގައި ތަރައްގީ ކޮށްފައިވާ އަމާން ޓަވަރުތައް ކައިރިއަށް އެއްކޮށްފައިވާ ކުނީގެ ބަރުދަނުގައި 670 ޓަނު ހުރި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީ އާއި އެފްޑީސީ އާއި ހުޅުމާލެ ފުލުހުން ގުޅިގެން ފަހި ފްލެޓްތައް ކައިރިއަށް އެއްކޮށްފައި ހުރި ކުނިތައް ނެގުމުގެ މަސައްކަތް އިއްޔެ ވަނީ ކުރިޔަށް ގެންގޮސްފައެވެ.

'މަދިރިން ރައްކާ'ގެ ނަމުގައި ކުރިޔަށްގެންދިޔަ އެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެ ފަހި ފްލެޓްތައް ކައިރިޔަށް އެއްކޮށްފައިވާ ކުނީގެ ބަރުދަނުގައި 670 ޓަނު ހުރި ކަމަށް އެޗްޑީސީން ބުނެއެވެ. އެއީ ގާތްގަނޑަކަށް 450 އާއި 500 ކާރުގެ ބަރުދަން ކަމަށާއި އެޗްޑީސީގެ ޓީމުތަކުން މިއަދު ވެސް ހުލުމާލޭ ސާފު ކުރުމުގެ ކަންކަން ކުރިޔަށްގެންދާނެ ކަމަށް އެ ކޯޕްރޭޝަނުން ބުންޏެވެ.

އެފްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޒާން އިއްޔެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ފަހި ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުން ވެސް އެ ސަރަހައްދަށް ކުނި އަޅާ މީހުން ފާހަގަކޮށް އެފަރާތްތައް އެފްޑީސީއަށާއި އެޗްޑީސީއަށް ރިޕޯޓު ކުރުމަށް އެދޭ ކަމަށެވެ.

ފަހިދިރިއުޅުން ޓަވަރުތައް ކައިރިއަށް ކުނިއަޅާ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. މި މައްސަލާގައި އެފްޑީސީންވެސް ވަނީ އާންމު ތަންތަނަށް ކުނި ނޭޅުމަށް ތަކުރާރުކޮށް އަންގާފައެވެ. އަދި ކުނިއަޅާފަރާތްތަކާ ދެކޮޅަށް ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅާނޭކަމުގެ އިންޒާރުވެސް އެފްޑީސީން ވަނީ ދީފައެވެ. އެފްޑިސީން ވަނީ އެކި ފަހަރުމަތިން އެތަންތަނަށް އަޅަމުންދާ ކުނިތައް އުކާލުމުގެ މަސައްކަތްވެސް ކޮށްފައެވެ. އެގޮތުން އަމާން ޓަވަރުތަކުގެ އާއްމު ސަރަހައްދުތަކަށް އުކާލާފައިވާ ކުނިތައް ނައްތާލުމަށް މިހާތަނަށް 13.5 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.

ޓަވަރުތައް ހުންނަ ސަރަހައްދަށް އުކާލާފައި ހުންނަ ތަކެތީގެ ތެރޭގައި ފާހާނާ، ރެފްރިޖްރޭޓަރ އަދި ފަރުނީޗަރުފަދަ ތަކެތި ހިމެނެއެވެ.

ad