ކުރިއަށް އޮތް 3 އަހަރުގެ އައު މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް މާލީ ވުޒާރާއިން ކަނޑައަޅައިފި އެވެ.
އެ ވުޒާރާއިން އާންމުކުރި ސާކިއުލާއެއްގައި ވަނީ ކުރިއަށް އޮތް ތިން އަހަރުގެ އައު މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމަށްޓަކައި "ނިއު ޕޮލިސީ އިނީޝިއޭޓިވް" ގެ ދަށުން ވަކި ވަކި މިނިސްޓްރީތަކުން ބަޖެޓުގައި ހިމަނަން ބޭނުންވާ އައު ކަންކަން ކަނޑައެޅުމަށް އަންގާފައެވެ.
މާލީ ވުޒާރާއިން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވާ ގޮތުން 2027 އިން 2029 ވަނަ އަހަރުގެ ޕްރޮގްރާމް ބަޖެޓުގައި ހިމަނަން ބޭނުންވާ އައު ކަންކަން އަންނަ އޮގަސްޓް މަހުގެ 18 ގެ ކުރިން ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހެ އެވެ.
މީގެ އިތުރުން ބަޖެޓުގައި ހިމަނާ އައު ކަންކަން ވާން ޖެހޭނީ ސަރުކާރުގެ މެނިފެސްޓޯ އާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުތަކަށް ބިނާކޮށް ކަމަށް ބުނެފައިވާއިރު ގާނޫނަކުން ނުވަތަ އެއްބަސްވުމަކުން އެކަމެއް ކުރުމަށް ލާޒިމް ކުރާ ކަންކަން ވެސް އައު މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ބުނެއެވެ.
މާލީ ވުޒާރާއިން ބުނީ، ބަޖެޓުގައި ހިމަނާ އައު ކަންކަން މިންތީގެ ހަމަހަމަކަމާއި އިޖްތިމާއީ ބައިވެރިވުން ކުރިއެރުވުމަށް ގުޅުން ހުރި ދާއިރާތަކަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ޖެންޑާ އިކުއިޓީ އެންޑް ސޯޝަލް އިންކްލޫޝަން ބަޖެޓިންގެ މަސައްކަތްތައް ކުރިއަށްއޮތް 3 އަހަށް އެކުލަވާލާ ބަޖެޓްގައި ޕައިލެޓްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މޫސުމީ ބަދަލުތަކަށް އިސްކަންދޭ ބަޖެޓެއް އެކުލަވާލުމަށާއި އެކަމާ ގުޅުން ހުރި ހަރަދުތައް ދެނެގަތުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުން ހުށަހަޅާ ކަމަކީ "ކްލައިމެޓް ރިލެވެންޓް" ޕްރޮޖެކްޓެއްކަން ސާފުކޮށް ބަޔާންކުރަން ޖެހެ އެވެ.
އެ ވުޒާރާއިން ވަނީ 2027 އިން 2029 ވަނަ އަހަރުގެ އައު މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ. ވަކިވަކި މަޝްރޫއުތަކުގެ އެންމެ ބޮޑު އަގެއްގެ ގޮތުގައި 500 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އުމްރާނީ މަޝްރޫއުތަކަށް ދެ ބިލިއަން ރުފިޔާގެ ސީލިންއެއް ބަޖެޓު ކޮށްފައިވެ އެވެ.

