ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިން އަމިއްލައަށް އެދިގެން ވަކިވާން މުވައްޒަފުންނަށް ހުޅުވާލި ފުރުސަތުގައި 97 މުވައްޒަފަކު ވަކިފާން ހުށަހަޅާފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކައިން ބުނީ މުވަޒަފުން އަމިއްލަ އަށް ވަކިވާން ހުށަހެޅީ ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރިއަށްގެންދާ "ރައިޓްސައިޒް" ކުރުމުގެ މަސައްކަތުގެ ދަށުން ކަމަށެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް މީގެ ކުރިިން ވިދާޅުވީ ރާއްޖޭގެ ބޮޑުބަޔަކަށް ޔޫޓިލިޓީ ހިދުމަތްދޭ ފެނަކައިގެ ޕޭރޯލުގައި 8،000 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިބި ކަމަށާއި، އެ އެންމެން ލައިގެން ހިންގޭވަރަށް ވުރެ ފެނަކައިގެ ހާލަތު ދަށް ކަމަށެވެ.
އަދި ފާހަގަ ކުރެއްވީ މިހާ ގިނަ މުވައްޒަފުން ކުންފުނީގައި ތިބިއިރު މުވައްޒަފުންނަށް މުސާރަ ދިނުމަށް އެކަނިވެސް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ހަރަދުވާކަމަށެވެ.
އެހެންކަމުން ހަތަރު މަސްދުވަހުގެ މުސާރައާ އެކު އަމިއްލައަށް ވަކިވުމުގެ ފުރުސަތުގެ އިތުރުން، އާލީ ރިޓަޔާމެންޓް ޕްރޮގްރާމްގެ ދަށުން ރިޓަޔާވުމުގެ ފުރުސަތު ވެސް ފެނަކަ އިން ވަނީ މުވައްޒަފުންނަށް ހުޅުވާލާފައެވެ.
މާލެއާއި އަތޮޅުތެރޭގެ ސައިޓުތަކުން 100 އާ ގާތްކުރާ އަދަދެއްގެ މުވައްޒަފުން ވަނީ ހުށަހަޅާފައި ކަމަށް ވެސް އަފީފް ވިދާޅުވިއެވެ. ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ. ފެނަކައިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވަޒީފާ އިން އަމިއްލައަށް ވަކިވުމުގެ ފުރުސަތު މުވައްޒަފުންނަށް ދީފަވެއެވެ.

.jpg&w=256&q=75)
