މާލެ ސިޓީ ވެޓްމާކެޓް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ލޯކަލް މާރުކޭޓް ހުރި ބިން އެއް މަސްދުވަހުގެ ތެރޭގައި ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި ތިބި މީހުންނަށް ވަގުތީ މާރުކޭޓެއް ހެދުމަށް މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. ވެޓް މާކެޓް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭ މަސްމާރުކޭޓު ކުރިމަތީގައި ހުންނަ ލޯކަލް މާރުކޭޓު ސަރަޙައްދުގައި އޮތް ބިމުގައެވެ.
މާލެ ވެޓް މާކެޓް ކޮމްޕްލެކްސް މަޝްރޫޢުގެ ޖުމްލަ އަގަކީ 116,999,624.94 (ސަތޭކަ ސޯޅަ މިލިއަން ނުވަސަތޭކަ ނުވަދިހަ ނުވަހާސް ހަސަތޭކަ ސައުވީސް ރުފިޔާ ނުވަދިހަ ހަތަރު ލާރި) އެވެ.
މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ ހަ ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އެޅުމާއި ބޭސްމެންޓާއި ޕާކިން ހެދުމެވެ. މި އިމާރާތުގެ ގްރަންޑް ފްލޯގައި މަސް މާރުކޭޓެއް ތަރައްގީ ކުރާނެ އެވެ. އަދި ދެވަނަ ފްލޯ އާއި ތިންވަަ ފްލޯގައި ތަރުކާރީ މާރުކޭޓެކެވެ. ހަތަރުވަނަ ފްލޯ ހާއްސަ ކުރާނީ ފުޑް ކޯޓްތަކަށެވެ. މިހާރު ޕްލޭން ކުރެވިފައިވާ ގޮތުން އެ ފްލޯގައި ހަތަރު ފުޑް ކޯޓް ތަރައްގީ ކުރާނެ އެވެ.
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތް ހަވާލުކޮށް ފަސް މަސް ވެގެންދިޔައިރުވެސް މަސައްކަތް ނުފެށި ދިގުލަމުންދާއިރު މާރުކޭޓް ކޮމްޕްލެކްސް ގެ މަސައްކަތް ލަސްވަނީ އެކަމަށް ބޭނުންވާ ބިން މާލެ ސިޓީ ކައުންސިލުން ހަވާލުނުކޮށްގެންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ..
މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ވެޓް މާކެޓް ތަރައްގީކޮށް ނިންމުމަށްފަހު އަލުން އެ ކައުންސިލާ ހަވާލުކުރާ ގޮތަށް އެ މަސައްކަތް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ހަވާލުކުރުމަށް އެ ކައުންސިލްގެ ގަރާރަކުން ފާސްކޮށްފަ އެވެ.

