logo

އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
14 ގަޑިއިރު ކުރިން

އަންހެނުން އިޤްތިޞާދީ އަދި މާލީ ގޮތުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ މަޝްވަރާތަކާއި ބައްދަލުވުންތަކެއް ށ އަތޮޅުގައި ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މި ޕްރޮގްރާމުގެ މަޤްސަދަކީ ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަދި އަލަށް ވިޔަފާރިއަށް ނިކުންނަ އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހުރި ފުރުޞަތުތަކާއި، ބޭނުންވާ ތަމްރީނުތަކުގެ އިތުރުން ލިބެންހުރި ވަސީލަތްތައް ދެނެގަނެ، އަންހެނުންގެ އިޤްތިސާދީ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތައް ތަންފީޒުކުރުން ހަރުދަނާކުރުމެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި ސީދާ ބައްދަލުކޮށް، ރަށުގެ އިޤްތިސާދުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ކުރެވިދާނެ ޢަމަލީ ކަންކަން ދެނެގަތުމަށް މި މަޝްރޫއުގެ ދަށުން މަސައްކަތްކުރާނެއެވެ.

ހެލްތު މިނިސްޓްރީން ބުނީ މި މަޝްވަރާތައް އަރިއަތޮޅު ދެކުނުބުރީގެ 10 ރަށެއްގައި ކުރިއަށްދާނެ ކަމަށެވެ. އެއީ، 19 ސެޕްޓެންބަރުގައި ފޯކައިދޫ، 20 ސެޕްޓެންބަރުގައި ގޮއިދޫ އަދި ކަނޑިތީމު، 21 ސެޕްޓެންބަރުގައި ފީވައް އަދި މިލަންދޫ، 22 ސެޕްޓެންބަރުގައި ށ ފޭދޫ އަދި ފުނަދޫ، 23 ސެޕްޓެމްބަރުގައި މާއުނގޫދޫ އަދި ކޮމަންޑޫ އަދި 24 ސެޕްޓެމްބަރުގައި ޅައިމަގުގައެވެ.

މިއީ އަންހެނުންގެ ތަޖުރިބާތަކާއި، ޚިޔާލުތައް އަދި ހުށަހެޅުންތައް ހިއްސާކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ. މި ބައްދަލުވުންތަކުން ލިބޭ މަޢުލޫމާތުތަކުގެ އެހީގައި، ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަންހެނުންގެ ޙާލަތާ ގުޅޭ، ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް އެކުލަވާލެވޭނެއެވެ.

މި މަޝްރޫއުގެ މުހިންމު ނަތީޖާއަކަށް ވެގެންދާނީ އަންހެން ވިޔަފާރިވެރިންނާ ގާތް ގުޅުމެއް އުފެދި، އަތޮޅުގެ އަންހެނުން ހިންގާ ވިޔަފާރިތަކާއި އިޤްތިސާދީ މަސައްކަތްތަކުގެ ފުރިހަމަ މެޕިންގްއެއް އެކުލަވާލެވުމެވެ. މި މެޕިންގްގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އަންހެނުންގެ ވިޔަފާރިތައް ކުރިއަރުވައި ދެމެހެއްޓުމަށް ބޭނުންވާ ތަމްރީނުތަކާއި، ނެޓްވޯކިންގ ފުރުޞަތުތައް އަދި ވަޞީލަތްތައް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެއެވެ.

މިއީ މި މަޝްރޫޢުގެ ދަށުން މި ޕްރޮގްރާމް ހިންގާ ފަސް ވަނަ އަތޮޅެވެ. މިއަދާ ހަމައަށް މި ޕްރޮގްރާމްގެ ދަށުން ސިލްސިލާ ބައްދަލުވުންތައް ވަނީ، ލ.އަތޮޅު ފުވައްމުލަކު ސިޓީ އައްޑޫ ސިޓީ އަދި އދ އަތޮޅުގައި ކުރިއަށް ގެންގޮސްފައެވެ.

އިޤްތިޞާދީ އަދި މާލީ ގޮތުން އަންހެނުން ބާރުވެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް އަހައްމިއްޔަތުކަން ދެއްވާކަމެކެވެ. އަދި މިއީ ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގައިވެސް ހިމަނާފައިވާ މުޙިއްމު އެއް އަމާޒެވެ.

ad