ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގެ ސަބަބުން، ދިވެހިރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމު ދާއިރާތަކަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް ފަހިވެ، ވިޔަފާރީގެ އައު މައިދާންތަކަކަށް މަގުތަކެއް ކޮށިގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މި ފޯރަމް ރަސްމީކޮށް އިފްތިތާޙު ކުރުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކޮށް، ވިޔަފާރީގެ ރޮނގުން އެއްބާރުލުން އިތުރުކުރުމަށް ލިބުނު ރަނުގެ ފުރުޞަތެކެވެ. އަދި މި ބައްދަލުވުންތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ބޮޑު ނަފާއެއް ލިބޭނެ ދާއިރާތައް ދެނެގަނެވި، އަމާޒަށް ވާސިލުވުމަށް މަސައްކަތްތައް ބައްޓަންކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދެ ޤައުމުގެ އިޤްތިޞާދުގެ ޖާގައާއި ބޮޑުމިނުގައި ބޮޑެތި ފަރަގުތަކެއް ހުރި ނަމަވެސް، އެކުގައި މަސައްކަތްކޮށްގެން ދެފަރާތަށް ވެސް ފައިދާހުރި ނަތީޖާތަކެއް ނެރެވޭނެ ފަދަ ޢަމަލީ ދޮރުތަކެއް ހުޅުވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން، މި ފޯރަމަކީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް އެޅުނު ވަރުގަދަ ބިންގަލެއްގެ ގޮތުގައި ވަޒީރު ވަނީސިފަކުރައްވާފައެވެ.
މީގެ އިތުރުން، މި ފޯރަމް މޯލްޑިވްސް އެކްސްޕޯ 2026 އާ ގުޅިގެން ކުރިއަށްދާތީ، އޭގެ ސަބަބުން މި މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާ ކަމަށް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. އަދި މި އެކްސްޕޯގެ ޒަރީއާއިން ޗައިނާގެ ކުރިއަރާފައިވާ ކުންފުނިތަކުގެ ޒަމާނީ އުފެއްދުންތަކާއި، ފަންނީ ޤާބިލުކަން އަދި އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފުވެ، ދައްކާލުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ވެރިކަމުގައި، 2024 ވަނަ އަހަރު ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާކަން ހަނދާންކޮށްދެއްވަމުން ވަޒީރު ވިދާޅުވީ، މި ގުޅުމަކީ އުމްރާނީ ތަރައްޤީއާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އިތުބާރުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ
ޚާއްޞަކޮށް، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށުނު ދެ ޤައުމުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ތާރީޚީ ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މި އެއްބަސްވުމުގެ ފުރިހަމަ މަންފާ ދިވެހި ވިޔަފާރިވެރިންނަށާއި އިޤްތިޞާދަށް ހޯދައިދީ، ޗައިނާއާއެކު ކުރެވޭ ވިޔަފާރީގެ މިންވަރު މިހާރަށްވުރެ ބޮޑަށް ފުޅާކުރުން ކަމަށް ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރާއްޖޭގެ އުމްރާނީ ބޮޑެތި ބަދަލުތަކުގައި ޗައިނާއަކީ އަބަދުވެސް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ދަށުން މި އެކުވެރިކަން އިތުރަށް ބަދަހިވެ، ޤައުމަށް އޭގެ ފޮނިމީރުކަން ލިބެމުންދާނެ ކަމުގެ ޔަޤީންކަން ވަޒީރު މުޙައްމަދު ސަޢީދު ދެއްވިއެވެ.

.jpg&w=3840&q=75)