logo

މިދިޔަ މަހު މަސްވެރިންނަށް 30 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުނެފި

މަޒީ
7 ގަޑިއިރު ކުރިން

މިދިޔަ މަހު މަސްވެރިންނަށް 30 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މުއްދަތުގައި މިފްކޯއަށް 460 އަށް ވުރެ ގިނަ ދޯނިން މަސް ކިރުވާފައިވެއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ކަޅުބިލަމަސް ކިރުވައިގެންނެވެ. އެގޮތުން ޖުމްލަ 462 ދޯންޏަކުން 1،354.77 ޓަނުގެ ކަޅުބިލަމަސް ކިރައިގެން މަސްވެރިންނަށް 30،007،339 ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މީގެއިތުރުން، 15 ކިލޯއިން މަތީގެ ކަންނެލީގެ 1.23 ޓަނަށް 30،700 ރުފިޔާ ދޫކޮށްފައިވެ އެވެ.

އޮކްޓޫބަރު މަހު މިފްކޯއަށް މަސް ކިރުވާފައިވާ ދޯނިތަކުން ޖުމްލަ 1356 ޓަނުގެ މަސް ކިރުވާފައިވެއެވެ. މިއީ މިދިޔަ ސެޕްޓެންބަރު މަހު ކިރުވި މަހަށްވުރެ އިތުރު އަދަދަކެވެ. ސެޕްޓެންބަރު މަހު މިފްކޯއަށް ކިރުވާފައިވަނީ 1288.42 ޓަނުގެ މަހެވެ. މިއީ މަހުން މަހަށް ބަލާނަމަ 5.2 އިންސައްތަ އިތުރުވުމެކެވެ.


ރާއްޖޭގެ ސަރަހައްދަށް މަސްވެރިކަން، އެންވެރިކަން ދަށްވުމާ ގުޅިގެން ދަށްވުމަށް ފަހު ސެޕްޓެންބަރު މަހާއި އޮކްޓޫބަރު މަހު މިވަނީ ރަނގަޅުވާން ފަށާފައެވެ. މިދިޔަ އޮކްޓޫބަރު މަހު މަސްވެރިން ދޫކޮށްފައިވާ ފައިސާއަށް ބަލާއިރު، ބައެއް ދުވަސްތަކުގައި 2 މިލިޔަން ރުފިޔާއާއި ގާތައް ފައިސާ ދޫކޮށްފައިވެއެވެ.

މަސްވެރިކަން ރަނގަޅުވަމުން އަންނައިރު ސަރުކާރުން ދަނީ ދައުލަތުގެ މަސް ކުންފުނިން މަސް ގަންނަ އަގު އެންމެ ދަށް އަގަކީ 20ރ. ކަމުގައި ހިފަހައްޓަން މަސައްކަތް ކުރަމުންނެވެ. މިފްކޯއިން މިހާރު ކަޅުބިލަ މަސް ކިލޯއެއް ގަންނަމުން ދަނީ 22 ރުފިޔާއިން މަތީގައެވެ. މިފްކޯގެ އަހަރީ ދުވަހާއި ގުޅުވައި އެކުންފުނިން 23ރ އަށް ވެސް މަސް ކިލޯއެއް ނޮވެންބަރު 1 ވަނަ ދުވަހު ގަނެފައިވެއެވެ.

މި އަހަރުގެ މިހާތަނަށް މިފްކޯއިން އެއް މަހެއްގެ ތެރޭގައި އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ނިމިދިޔަ އޭޕްރީލް މަހުގަ އެވެ. އެ މަހު އެކަނި ވެސް 4،414 ޓަނުގެ މަސް ކިރައިގެން މަސްވެރިންނަށް 78.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

ad