logo

ހޯރަފުށީ ބިމެއް ކުއްޔަށް ދޫކުރި މައްސަލާގައި ކުރީގެ ކައުންސިލަށް ދައުވާކުރަނީ

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ހއ.ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް 5000 އަކަފޫޓުގެ ބިމެއް ގަވާއިދާ ޚިލާފަށް ދޫކުރި މައްސަލައިގައި، އެ ރަށު ކައުންސިލްގެ ކުރީގެ މެންބަރުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ އެ އޮފީހުން ބަލައިގަނެފިއެވެ.

މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 20 އެޕްރީލް 2026 ގައެވެ.

މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ހއ.ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ރައީސް މުޙައްމަދު ވަޙީދު އާއި، ނައިބު ރައީސް އަޙްމަދު އިމްދާޙު ގެ އިތުރުން އެ ދައުރުގެ ކައުންސިލް މެންބަރުން ކަމަށްވާ އިބްރާހީމް ޝާކިރު، އަޙްމަދު ރައޫފު، މަރްޔަމް ވަކީލާ، އާމިނަތު ވިސާމާ އަދި އާމިނަތު ނާޞިޙާ ގެ މައްޗަށެވެ.

އޭސީސީން މި މައްސަލާގައި ދަޢުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ މައިގަނޑު ދެ ކުށަކަށެވެ. އެއީ ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާ އާއި، 517 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައަކީ ހޯރަފުށީ ކައުންސިލުން އުސޫލުތަކާ ޚިލާފަށް އަމިއްލަ ކުންފުންޏަކަށް ބިން ދޫކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. ޕީޖީ އޮފީހުން މިހާރު ދަނީ މި މައްސަލަ ދިރާސާކޮށް، ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ad