logo

އާސަންދައިގެ ބަޖެޓުން 60 އިންސައްތަ ހަރަދުވީ ފާމަސީތަކަށް

އާމިނަތު މޫސާ
11 ގަޑިއިރު ކުރިން

މިދިޔަ އަހަރު އާސަންދަ ސްކީމުގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ހިނގީ ފާމަސީތަކުގެ ބިލްތައް ދެއްކުމަށް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގުރާމެއް ވާހަކަ ދައްކަވަމުން ޒީނިޔާ ވިދާޅުވީ, އާސަންދައިގެ ބަޖެޓުން ބޭސްފަރުވާ އަށް ކުރާ ޚަރަދު އަހަރުން އަހަރަށް މަތިވަމުންދާ ކަމަށެވެ. އެގޮތުން އާސަންދަ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކުރަންޖެހެނީ ފާމަސީތަކުގެ ބިލްތަކަށް ކަމަށާއި، ނިމުނު އަހަރު އާސަންދަ ބަޖެޓުގެ 60 އިންސައްތަ ޚަރަދުކުރަން ޖެހުނީ ފާމަސީތަކުގެ ބިލްތައް ދެއްކުމަށް ވިދާޅުވިއެވެ.

ފާމަސީތަކަށް ފަހު ދެން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކަށް ކަމަށް ޒީނިޔާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުގައި އާސަންދައިގެ ޚިދުމަތް ދޭ ހޮސްޕިޓަލްތަކަށް ވެސް ބޮޑު ޢަދަދެއް ދައްކަން ޖެހޭ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް އާސަންދައަށް ކުރި ޚަރަދު ވަނީ އިތުރުވެފައެވެ. މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އާސަންދައިގެ އެކި ސްކީމްތަކަށް 1.18 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.2 އިންސައްތައިގެ އިތުރުވުމެކެވެ. އެހެން ނަމަވެސް، ދަޢުލަތުން މެޑިކަލް ވެލްފެއާއަށް ކުރި ޚަރަދު ވަނީ 30.9 އިންސައްތަ ދަށްވެފައެވެ.

ޒީނިޔާ އިތުރަށް ވިދާޅުވީ، އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުގައި ފަރުވާ ދިނުމަށް މިހާރުވެސް 57 ހޮސްޕިޓަލަކާއެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި، އިންޑިޔާ، ސްރީލަންކާ، ތައިލެންޑް އަދި ޔޫއޭއީ ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި އާސަންދައިގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ގިނަ ހޮސްޕިޓަލްތައް ހުރީ އިންޑިއާގައިކަންވެސް ފާހަގަކުރެއްވިއެވެ.

މިއަހަރަށް އާސަންދަ ސްކީމްތަކަށް ދަޢުލަތުން 2.02 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު، މެޑިކަލް ވެލްފެއާގެ ޚިދުމަތްތަކަށް 409 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ad