އޭއައި ތަމްރީނުތައް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށް ހިންގަން ފަށައިފިއެވެ. އަލަށް ތައާރަފުވަމުން އަންނަ އީޖާދީ ޓެކްނޮލޮޖީތަކަށް އަހުލުވެރިވުމަށް ބޭނުންވާ އިލްމާއި ހުނަރު ސަރުކާރުގެ ކޮންމެ މުވައްޒަފަކަށްވެސް ލިބިފައިވާކަން ކަށަވަރުކުރުމަކީ ދިވެހި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު މޯލްޑިވްސް 2.0 ރޯޑްމެޕްގެ 7 ވަނަ ތަނބުގެ ދަށުން ހާސިލުކުރަން ބޭނުންވާ މުހިއްމު އެއް އަމާޒެވެ. ސިވިލް ސާވަންޓުން ފެށިގެން ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތައް ޝާމިލުވާގޮތަށް، ދައުލަތުގެ މުޅި ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެހާ މުވައްޒަފުންގެ ޑިޖިޓަލް ގާބިލިއްޔަތާއި ހުނަރުތައް އިތުރުކުރުމަކީ، ޓެކްނޮލޮޖީގެ ރޮނގުން ގައުމަށް އަންނަމުންދާ ބަދަލުތައް މެނޭޖްކޮށް އަދި މުއައްސަސާތަކުގެ ހިންގުން ޒަމާނީ ކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މައިންޑްކޯ އިން ވިދާޅުވީ "މޯލްޑިވްސް 2.0"ގެ ދަށުން ގައުމީ ފެންވަރުގައި ޑިޖިޓަލް ގާބިލުކަން އިތުރުކުރުމަށް ހިންގޭ ގައުމީ ކެމްޕެއިން، "ޑިޖިޓަލް ފޯރ އޯލް" އިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެހީތެރިކަމާއެކު އެ އޮފީހުގެ މުވައްޒަފުންނަށާއި އަދި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށްގެން "ޑިޖިޓަލް އެންޑް އޭއައި އެސެންޝަލްސް" ނުވަތަ ޑިޖިޓަލް އަދި އޭއައި ބޭނުންކުރުމުގެ އަސާސީ ހުނަރުތަކުގެ ތަމްރީން ޕްރޮގްރާމް މި މަހުގެ ތެރޭގައި ހިންގަން ފަށާފައިވާ ކަމަށެވެ. މިގޮތުން، ސިޔާސީ މަޤާމުތަކަށް އައްޔަންކޮށްފައިވާ މުވައްޒަފުންނަށް އަމާޒުކޮށް ފެށި މި ޕްރޮގްރާމްގެ ފުރަތަމަ ބެޗް ހުސްވި ހަފްތާގައިވަނީ ރައީސުލްޖުމްހޫރިޔާގެ އޮފީހުގައި ބާއްވާފައެވެ. އަދި ދެވަނަ ބެޗުގެ ތަމްރީނުތައް މި މަހުގެ 8 އަދި 9، މި ދެ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދާނެއެވެ. ސިޔާސީ މަޤާމުތަކަށް އައްޔަންކޮށްފައިވާ ބޭފުޅުންގެ ތެރެއިން 130އަށް ވުރެ ގިނަ ބޭފުޅުން މި ތަމްރީނުތަކުގައި މިހާތަނަށް ވަނީ ބައިވެރިވެފައެވެ. ޑިޖިޓަލް ފޯ އޯލް ކެމްޕެއިންގެ އަމާޒަކީ، މި އަހަރު ނިމުމުގެ ކުރިން ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް އައްޔަންކޮށްފައިވާ ގިނަ މުވައްޒަފުންނަށް ޓެކްނޮލޮޖީއާއި ގުޅުންހުރި މި އަސާސީ ތަމްރީން ފޯރުކޮށްދިނުމެވެ. މައިންޑްކޯ (MINDCo)ގެ އިލްމާއި އީޖާދީ ހުނަރު ތަރައްޤީކުރުުމުގެ ގޮފި ކަމަށްވާ ފިއުޗަރ އިންސްޓިޓިއުޓުން ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ ބައިވެރިންނަށް އަމަލީ ގޮތުން ބޭނުންހިފޭނެ ޑިޖިޓަލް އަދި އޭއައި ހުނަރުތައް ފޯރުކޮށްދިނުމަށާއި، އަލަށް ތައާރަފުވާ ޓެކްނޮލޮޖީތައް ޒިންމާދާރުކަމާއެކު ބޭނުންކުރުން ކުރިއެރުވުމަށާއި، މުޅި ސަރުކާރުގެ ޑިޖިޓަލް ޤާބިލިއްޔަތާއި އޭއައި ފަދަ ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކުރުމަށް ސަރުކާރުގެ މުއައްސަސާތައް ތައްޔާރުވެފައިވާ މިންވަރު އިތުރުކޮށް ހަރުދަނާކުރުމެވެ. ޑިޖިޓަލް ސަރުކާރެއް ޤާއިމުކުރުމަށް ގެނެވޭ އިންޤިލާބީ ބަދަލުތަކަކީ ހަމައެކަނި އައު ނިޒާމުތައް ތައާރަފުކުރުމާއި، ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމާއި، ނުވަތަ އަލަށް ނުކުންނަ ޓެކްނޮލޮޖީތައް ބޭނުންކުރަން ފެށުމެއް ނޫނެވެ. ސަރުކާރު ހިންގުމުގައި ޑިޖިޓަލް ރޮގުން ގެނެވޭ އިންޤިލާބީ ބަދަލުތަކުގެ ކާމިޔާބީ އަދި ވިލުންވެރިކަން ބިނާވަނީ ސަރުކާރުގެ ތެރޭގައާއި ޑިޖިޓަލް ޕްލެޓްފޯމުތަކުގައި މަސައްކަތްކުރާ މީހުންނަށް މި ކުރިއެރުންތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ބޭނުންވާ އިލްމާއި، އިތުބާރާއި، އަމަލީ ހުނަރު ލިބިފައިވާކަން ކަށަވަރުކުރުމުގެ މައްޗަށެވެ. "ޑިޖިޓަލް އެންޑް އޭއައި އެސެންޝަލްސް" ތަމްރީނު ފަރުމާކުރެވިފައިވަނީ އަމަލީ ގޮތުން މަސައްކަތުގެ މާހައުލަށް އަމާޒުކޮށްގެން، އޭއައިގެ ހުނަރުތައް ދަސްކޮށްދިނުމުގެ ތެރެއިން ޑިޖިޓަލް އިންޤިލާބީ ބަދަލުތަކަށް މަގުފަހިކޮށްދިނުމަށެވެ. ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގައި އޭއައި އެހީތެރިވެދޭނެ ގޮތްތަކާއި، އޭއައި ޓޫލްސްތައް ބޭނުންކުރާނެގޮތާއި، ޒިންމާދާރުގޮތެއްގައި އޭ.އައި ބޭނުންކުރުމާއި، އޭއައިގެ އެހީތެރިކަމާއެކު އެކަށޭނަ ގޮތެއްގައި މުއާސަލާތު ކުރާނެ ގޮތާއި، އަދި އޭއައި އިން އުފައްދާ މައުލޫމާތު ނުވަތަ އުފެއްދުންތަކާމެދު ފުންކޮށް ވަޒަންކުރާނެ ގޮތްތަކުގެ ހުނަރުތައް ބައިވެރިނަށް މި ތަމްރީން ޕްރޮގްރާމް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން، އޭއައި ބޭނުންކުރުމުގައި ދިމާވެދާނެ ނުރައްކާތައް ދެނެގަތުމާއި، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި، އަދި އިންސާނީ ވިސްނުމާއި ޖަވާބުދާރީވުން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވެސް މި ޕްރޮގްރާމުގައި އަލިއަޅުވާލާނެ ކަމަށް މައިންޑްކޯއިން ވިދާޅުވެއެވެ. ދައުލަތުގެ ހިންގުމުގެ ދާއިރާގައި 'ޑިޖިޓަލް ފޯރ އޯލް' ފުޅާކުރުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށް ހިންގޭ ޑިޖިޓަލް އަދި އޭ.އައި ތަމްރީނު ޕްރޮގްރާމްތަކަކީވެސް ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި "ޑިޖިޓަލް ފޯރ އޯލް" ފުޅާކުރަމަށް ހިންގޭ ކެމްޕެއިންގެ ދަށުން ހިންގޭ ހަރަކާތެކެވެ. މި ތަމްރީނު ޕްރޮގްރާމްތައް ފެށިފަހުން، "ޑިޖިޓަލް ފޯރ އޯލް" އިން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަދި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ އިތުރުން، މި ހަރަކާތުގައި ބައިވެރިވި ފުރަތަމަ ސަރުކާރު ހިއްސާވާ ކުންފުނި ކަމަށްވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުން މި ތަމްރީނުގައި ބައިވެރިކޮށްފައެވެ. މި ކެމްޕޭން މިހާރު ދައުލަތުގެ 8 މުއައްސަސާއަކަށް ފުޅާކުރެވިފައިވާއިރު، 15 ސެޕްޓެމްބަރު 2026 ގައި ތަމްރީނު ސެޝަންތައް ހިންގަން ފެށިފަހުން ދައުލަތުގެ 600އަށް ވުރެ ގިނަ މުވައްޒަފުން ވަނީ މިހާތަނަށް ތަމްރީނުކުރެވިފައެވެ. "ޑިޖިޓަލް ފޯރ އޯލް" މެދުވެރިކޮށް ދިވެހިރާއްޖެއިން މިސްރާބު ޖަހާފައިވަނީ، އެންމެންނަށްވެސް ޑިޖިޓަލް އިލްމާއި ހުނަރު ލިބިފައިވާ، އަދި އިތުރަށް ޑިޖިޓަލައިޒް ވަމުންދާ މުޖުތަމައެއްގައި ފަރުދުންނަށް އިތުބާރާއި، ރައްކާތެރިކަމާއި، އުފެއްދުންތެރިކަމާއެކު ބައިވެރިވެވޭނެ މުސްތަގުބަލެއް ބިނާކުރުމަށެވެ. "ޑިޖިޓަލް ފޯ އޯލް" މި ޤައުމީ ކެމްޕެއިންގ މައިންޑްކޯގެ ފިއުޗަރ އިންސްޓިޓިއުޓް އިން ކުރިއަށް ގެންދަނީ، މިނިސްޓްރީ އޮފް އެޑިއުކޭޝަން އެންޑް ހަޔަރ އެޑިއުކޭޝަން އަދި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީގެ ބެއްލެވުމުގެ ދަށުން، މޯލްޑިވްސް ޑިޖިޓަލް ސަރވިސްގެ ރެގިއުލޭޓަރީ އިރުޝާދުތަކާއި އެއްގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތިރާޖީ ނިންމެވުންތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ކެމްޕޭނާއި ގުޅޭ އިތުރު މައުލޫމާތު digitalforall.mv ލިބިވަޑައިގަންނަވާނެއެވެ.


