ބައިނަލްއަގުވާމީ ރިއަލް އެސްޓޭޓް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އަމާޒު ކުރަން ވާނީ "ހޮލިޑޭ ހޯމްސް" ފަދަ ވަސީލަތްތައް ތަަރައްގީ ކުރުމަށް ކަމަށް ބުނެ އެކަމަށް އަދާލަތު ޕާޓީން ތާއިދު ކޮށްފިއެވެ.
ރަސްމާލޭގައި ހިންގަން އުޅޭ "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއަށް އަމާޒުކޮށް، ރިއަލް އެސްޓޭޓް ގާނޫނެއް ހަދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވާފައިވަނިކޮށް އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި، އެ މަޝްރޫއުތައް އަމާޒުކުރަންވާނީ ބޭރުގެ ފަރާތްތަކަށް ދިރިއުޅޭ ވަކި ސަރަޙައްދުތަކެއް އުފެއްދުމުގެ ބަދަލުގައި އެފަދަ ފަރާތްތަކުން ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރާ ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްގީ ކުރުމަށް ކަމަށެވެ.
އިސްލާމީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން، އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް ނުވަތަ ހޮލިޑޭ ހޯމްސް މަޝްރޫއުތައް ރާއްޖޭގައި ތަރައްގީކޮށް، ކުރިއަށްގެންދިއުމަކީ ސިންދަފާތުކުރެވިފައިވާ ވިލުންތެރި އިގްތިސާދެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.
އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް މަޝްރޫއުތައް ހިންގަންވާނީ ބޭރުމީހުން ދިގުމުއްދަަތަކަށް ދިރިއުޅޭ ސަރަހައްދުތައް އުފައްދާ ގޮތަށް ނޫން ކަމަށާއި ބޭރުމީހުން ދިގުމުއްދަތަކަށް ދިރިއުޅޭ ސަރަހައްދުތައް އުފައްދައިފި ނަމަ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވުމަށް އަދާލަތު ޕާޓީން މިދިޔަ އޮކްޓޯބަރު މަހު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވެއެވ.
ދުނިޔޭގަ މިކަހަލަ ބައިވަރު ތަންތަން ހުންނާނެ ކަމަށާއި، މިސާލަކަށް އެ މީހަކު މުސްކުޅިވެގެން ރިޓަޔާ ކޮށްގެން އެތަނުގައި ދުވަސްކޮޅެއް، އަހަރެއް ވަރު އުޅެފަ ނޫނިއްޔާ ދެތިން މަސް އުޅެފަވެސް ހުރެދާނެ ކަމަށެވެ. ބައެއް ތަންތަން އަހަރަކު އެންމެ މަދު ދުވަސް ކޮޅެއްގައި ބޭނުން ކޮށްފަ ދެން ޓޫރިޒަމް ބޭނުމަށްވެސް ދޫކޮށްލާފަ ހުންނަ ކަމަށެވެ. އެހެންކަމުން މީއީކީ އެއް ބަޔަކު އައިސް ދިރިއުޅޭނެ،އަދި ވަޒަންވެރިވާނެ ތަނެއް ނޫން ކަމަށާއި، މީ އިންވެސްޓް ކުރާނެ ތަނެއް ނޫން ކަމަށް މުއްތަލިބް ވިދާޅުވިއެވެ. ރިއަލް ސްޓޭޓް ޕްރޮޕަޓީޒްތަކެއް ގަނެ ވިއްކާނެ ކަމަށާއި، ދައުލަތަށްވެސް ދާއިމީ ގޮތެއްގައި އާމްދަނީ ލިބޭނެ ކަހަލަ ގޮތަކަށް ތަރައްގީ ކުރާނެ ކަމަށެވެ.


