މަސްވެރިކަމަކީ ރާއްޖޭގައި އެންމެ ކުރީ ޒަމާންނުއްސުރެ ކުރަމުން އައިސްފައިވާ މަސައްކަތެވެ. ކާބަފައިން ދުވަސްވަރުން ފެށިގެން މަސްވެރިކަން ނުކުރާ ދުވަހެއް ތާރީޚުން އެނގެން ނެތް އިރު ތަފާތު އެތައް ވައްތަރެއްގެ މަސްވެރިކަން ރާއްޖޭގައި އަންނީ ކުރަމުންނެވެ. ދިވެހިންގެ މައިގަނޑު ކާނާ އަކީ ވެސް މަހެވެ. އެގޮތުން ބާނާ މަހުން ތަފާތު ގޮތްތައް ބޭނުން ކުރަމުންދާއިރު ބޭނުން ކޮށްފައި އިތުރުވާ ބައި ހިކި މަހުގެ ގޮތުގައި އެހެން ގައުމުތަކަށް އެކްސްޕޯޓްވެސް ކުރެއެވެ.
ރާއްޖޭގައި މަސްވެރިކަން ފަށާފައިވަނީ މާބޮޑެތި އޮޑި ދޯނި ފަހަރަކުނޫނެވެ. އެގޮތުން ރިޔަލާއި، ފަލީގައި ދިވެހިން ކުރަމުން އައި ދޮށީގެ މަސްވެރިކަމަށް އިންގިލާބީ ބަދަލެއް އައިސް، މަސްވެރިކަމުގެ ސިނާއަތެއްގެ ސިފަ ޖެހިފައިވަނީ 1974 ވަނަ އަހަރު ސަރުކާރުން، ދެވަނަ ޖީލުގެ އިންޖީނު އެޅި މަސްދޯނި ފަހަރު ތައާރަފް ކުރި ހިސާބުންނެވެ. މީގެ އިތުރުން 1977 ވަނަ އަހަރު ދިވެހި ސަރުކާރާއި ޖަޕާނުގެ އިންވެސްޓްމެންޓަކާ އެކު ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއެއް ޅ. ފެލިވަރުގައި ބިނާކޮށް، މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރަން ފެށުމާއެކު ރާއްޖޭގެ އިގްތިސާދުގެ އައު ބާބެއް ވަނީ ފެށިފައެވެ.
މަސްވެރިކަމަކީ ދިވެހި އިގްތިސާދުގެ ލޭނާރު ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވިދާޅުވެފައިވާ އިރު އެމަނިކުފާނުގެ ވެރިކަމުގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ޑިސެމްބަރު 10 ވަނަ ދުވަސް ވަނީ ކަނޑައަޅާފައެވެ. މިހާރު މަސްވެރިންގެ ދުވަހުގެ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އެދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ.
ރާއްޖޭގެ މަސްވެރި ސިނާއަތަށް ކުރިއެރުވުމަށް ވަނީ މިފްކޯގެ ނަމުގައި ވަކިން ކުންފުންޏެއް އުފައްދާފައެވެ. އެގޮތުން މިފްކޯ އަކީ ރާއްޖޭގެ މަސްވެރިން ބާނާ މަސް ގަތުމާއި، މަހުގެ އުފެއްދުންތައް އުފައްދާ ބާޒާރަށް ނެރުމާއި އެކްސްޕޯޓް ކުރުމުގެ އިހުތިސާސް މަތިކޮށްފައިވާ ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާވާ ކުންފުންޏެވެ. މަސް ގަތުމުގައި ހަރަކާތްތެރިވާ 21 އުޅަނދު މި ކުންފުނީގައި އޮވެއެވެ.
ކޮންމެ ވެރިކަމައެއް އައި ކަމުގައި ވީ ނަމަވެސް، މަސްވެރިން ބާނާ މަހަށް ހަމައަގު ނުލިބުމުގެ މައްސަލަތަކާއި، ބާނާ މަހަށް ފައިސާ ނުލިބި ލަސްވާ ވާހަކަތަކުގެ އިތުރަށް ކޯލްޑް ސްޓޯރޭޖްގެ ދަތިކަމުގެ ވާހަކަ އަބަދުވެސް އަންނަނީ އިވެމުންނެވެ. މިހާތަނަށް ވެރިކަމަށް އައިސްފައިވާ އެއްވެސް ސަރުކާރަކަށް މަސްވެރިންގެ މި ޝަކުވާތަކަށް ވަގުތީ ހައްލެއް ފިޔަވާ އިތުރު ކަމެއް ކުރެވިފައެއް ނުވެއެވެ. ދާއިމީ ނަތީޖާއެއް ހޯދުމުގައި މިހާތަނަށް ހުރިހާ ސަރުކާރުތަކުން ވެސް ފެއިލްވެފައިވާކަން އެއީ ގަބޫލުކުރަންޖެހިފައިވާ ހަގީގަތެކެވެ. މިކަމުގެ ހަގީގަތަކަށް ވެގެންދަނީ، މިއަދު ވެސް ގިނަ އާއިލާތަކެއްގެ އާމްދަނީގެ ބަރޯސާ ވެގެންދާ މަސްވެރިންނަށް ލިބެންވާ ފައިސާ ނުލިބި ދިރިއުޅުން އަނދިރިކަމަކަށް ދިއުމެވެ. މަސްވެރިންގެ އާއިލާތަކުގެ ކެއިންބުއިމާއި ޒަރޫރީ ހުރިހާ ކަމެއް ފުއްދުމަށް ކުރަމުންދާ މަސްވެރިން ރެއާއި ދުވާލު، ވެހޭހާ ވާރޭގައި ދޭހާ އަތްވެއްގައި ތިބެ ކުރާ މަސައްކަތަށް އަގު ނުލިބޭ ވާހަކަ އަންނަނީ މިއަދު ވެސް ދައްކަމުންނެވެ.
މިއަދާ ހަމައަށް އައިސްފައިވާއިރުވެސް މަސްވެރިންކަމަށް އެންމެ އެދެވޭ ހައްލުތަކެއް އަދި އައިސްފައި ނުވާކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ.
އެތައް ޒަމާނެއް ވަންދެން، ގެއްލުމުގައި ހިންގި ކުންފުންޏެއްގެ މަގު ސީދާކުރުމަށް ފެށި މި މަސައްކަތަކީ، ސީދާ އެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އަޑުއަހަން ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް، އެއީ މި ވަގުތަށް ފައިސާގެ މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތުގެ އެންމެ ފުރަތަމަ ބިންގަލެވެ. ކުރީ ސަރުކާރުން މަހުގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބަދަލުކުރުމުން އަހަރަކަށް ބަލާލާއިރު މިފްކޯއަށް ދައުލަތުން 1.2 ބިލިޔަން ރުފިޔާ ދޭންޖެހޭއިރު، މި ގެނެވުނު ބަދަލާއި އެކު ރާއްޖޭގައި އިތުރު މަސް ކާރުޚާނާތައް ތަރައްޤީކުރެވި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން އެ ފައިސާ ދިނުމުގައި ދަތިތަކެއް ދިމާވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ކަޅުބިލަ މަހުގެ ގޮތުގައި ވެސް ސަތޭކަ އަށާވިސް ހާސް ޓަނު މަސް ބާނާ ކަމަށެވެ. އެގޮތުން މިފްކޯއިން ރޯމެޓީރިއަލް ގޮތުން ގިނަ ބައި ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރެވޭ އިރުގައި މިފްކޯގެ ފެސިލިޓީތަކުގައި މަސް ރައްކާކުރެވޭ ސްޓޯރޭޖް ކެޕޭސިޓީއަކީ ގަތްގަނޑަކަށް 4،000 މެޓްރިކް ޓަނުކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން މައްސަލަތައް ހައްލުކުރުމަށް މިހާރު ކުރުމަށް ނިންމާފައިވާ ނިންމުންތަކުގެ ތެރޭގައި މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 15،000 ޓަނަށް އިތުރުކުރުމާއި، ފެލިވަރުގެ، ދަޅުގައި މަސް ބަންދުކުރުމުގެ ކެޕޭސިޓީ ދުވާލަކު 100 ޓަނަށް ހިއްލާލުމަށް ވަނީ ނިންމާފައެވެ. އަދި ގދ. ފިޔޯރީގައި އަޅާ ކާރުޚާނާއާއި ފ. ނިލަންދޫގައި އަޅާ ކާރުޚާނާއާއެކު އަހަރެއްގެ މައްޗަށް 80 ހާސް ޓަނު ޕްރޮސެސްކުރުމުގެ ގާބިލްކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން މިހާރު އެކްސްޕޯޓްކުރާ ބާޒާރުތަކުގައި މަސްވިއްކާ މިންވަރު އިތުރުކުރުމާއި އަދި އިތުރު ބާޒާރުތައް ހޯދުމުގެ މަސައްކަތް މާރކެޓިން ކުންފުނިންވަނީ ފަށާފައެވެ.
މިފްކޯއިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގަށް އޮތް ކޮންޓްރޯލް ނައްތާލާ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރުމަށް ހިނގާނެ ހަރަދުތަކަށް ބަލާ ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގެއްގައި މަސްގަތުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މިފްކޯގެ ހިންގުމުގެ ނިޒާމް ހަރުދަނާކޮށް، އެފިޝެންސީ އިތުރުކޮށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްގޮތް ބަލާ، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ.
މިސަރުކާރުން ވެރިކަމާއި ހަވާލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅަކަށް ވެގެން ގޮސްފައިވާ މަސްވެރިން ކިރާ މަހަށް 48 ގަޑި އިރުތެރޭގައި ފައިސާ ދައްކާ ނިޒާމެއް ގާއިމުކުރުމެވެ.
ތިން ސަރަހައްދެއްގައި ޖުމްލަ 8،500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ހުރެއެވެ. ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއެއް ފެލިވަރު ގައި ހުރެއެވެ. އަދި އެކްސްޕޯޓް ކުރާ ރޯ ކަންނެލި ބަންދު ކުރާ ފެސިލިޓީއެއް މާލެ އަތޮޅު ކަނޑުއޮތްގިރީ ގައިވެސް ހުރެއެވެ.
ވޭތުވެ ދިޔަ ދިގު ތާރީހަށް ބަލާއިރު، ދިރުން ފެންނަނީ ނިސްބަތުން ފަނޑު ކޮށެވެ. މަސްވެރިކަން ރަގަޅު ދުވަސްވަރު ގުދަން ތަކުގެ ޖާގަ ފުރި، މަސްގަންނަ މިންވަރު ކޮންޓްރޯލް ކުރަން ޖެހެނީ މަދަކުން ނޫނެވެ. މިއީ ސިނާއަތުގައި އަބަދުވެސް އޮންނަ ބޮޑު ޝަކުވާއެވެ.
މަސްވެރިކަމަކީ މޫސުމީ ކަމެއް ކަމުން ކޮންމެ އަހަރަކުވެސް މަސްވެރިކަމުގެ މޫސުން ފެށެނީ އަހަރުގެ ފަހުކޮޅުގައެވެ. ދިވެހިން ކިޔާގޮތުންނަމަ އެއީ އިރުވައި މޫސުމެވެ. ކަނޑުގެ ފިނި ހޫނުމިނާއި، ކަނޑުގެ އޮއިވަރަށް އަންނަ ބަދަލާއެކު މާކަނޑުން އައިސް ރާއްޖޭގެ އުތުރު ދުނިން އެތެރެވާ ފަނިވަރު ތަކާއެކު މަސްވެރިކަމުގެ ފަހި މޫސުން ފެށެއެވެ. މަޑުމަޑުން ދެކުނަށް ޖެހެމުން ގޮސް ރައްޖޭގެ އެންމެ ދެކުނަށް މަސްވެރިކަމުގެ ތިޔާގިކަން ފޯރަން ތިން ހަތަރު ހަފުތާވަރު ނަގައެވެ. އާ އަހަރު ފެށިގެން މާޗް އޭޕްރިލް ހިސާބުގައި ހުޅަނގު މޫސުން އައިސް ބޯމަތި ވުމުން މަސްވެރިކަން ރާއްޖޭގެ ދެކުނަށް ގޮސް އޮބާލައެވެ. ކޮންމެ އަހަރަކުވެސް މިކަން މިމަގުން ތަކުރާރު ވަމުން އަންނަކަން ނޭނގޭ ދިވެއްސަކު، މަސްވެރިކަމުގެ ދާއިރާގައި ހުރެދާނެ ކަމަށް ގަބޫލު ނުކުރެވެ އެވެ.

