ބިދޭސީންގެ ޖޫރިމަނާއާއި ފީން، ދައުލަތަށް 565 މިލިއަން ރުފިޔާ ނުލިބި ހުރިކަން ހާމަވެއްޖެއެވެ.
ހޯމް މިނިސްޓްރީން ބުނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ދައުލަތަށް ނުލިބި 565 މިލިއަން ރުފިޔާ އެބައޮތްކަމަށެވެ.
ހޯމް މިނިސްޓްރީން އަންނަނީ، ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
މިނިސްޓްރީން އާންމު ކުރި ތަފްސާހިސާބުތަކުން ދައްކާ ގޮތުގައި ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކަންކަން ބެލެހެއްޓުމުގައި ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކާއި ދައުލަތަށް ލިބެން ޖެހޭ އެހެނިހެން ފައިސާގެ ތެރެއިން ނުލިބި ހުރި އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހޯމް މިނިސްޓްރީން ބުނީ، ނޮވެންބަރު 17، 2023ގައި ވެރިކަމާ ހަވާލުވިއިރު، ބިދޭސީންގެ ފީތަކާއި ޖޫރިމަނާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ނުލިބި ހުރި ކަމަށެވެ.
އެކަމަކު، މިދިޔަ މުއްދަތުގެ ތެރޭގައި އެ އަދަދު 67 ޕަސެންޓު ކުޑަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން، މިހާރު ދައުލަތަށް ނުލިބި ހުރީ 565 މިލިއަން ރުފިޔާ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
މި ސަރުކާރު ހަވާލުވިއިރު ރާއްޖޭގައި އުޅޭކަން ކަށަވަރުވެފައިވަނީ ބިދޭސީންގެ އެންމެ 13 އިންސައްތައެވެ. ނަމަވެސް، ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 99 އިންސައްތަ މީހުންގެ ބަޔޮމެޓްރިކް މަޢުލޫމާތު ނަގައި، ބިދޭސީންގެ ސައްޙަ މަޢުލޫމާތު ވެސް ވަނީ އެއްކޮށްފައެވެ.


