logo

ދުޅަހެޔޮ އިސްރަށްވެހިން ޕްރޮގްރާމްގައި ބައިވެރިވުމަށް އިތުރު ފުރުޞަތެއް ދީފި

މަޒީ
12 ގަޑިއިރު ކުރިން

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ސިއްހީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމުގެ މަގުސަދުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދަން ނިންމާފައިވާ "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމުގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.

މިއީ ގޭގައި އެކަހެރިކޮށް ތިބެންޖެހޭ އިސްރަށްވެހިންގެ ސިއްޙީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، މުޖުތަމަޢުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި މުޅިން ހިލޭ ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ނޮވެމްބަރު 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށްގެންދާނީ އެއް މަސް ދުވަހުގެ ބެޗްތަކަކަށް ބަހާލައިގެން، ޖުމްލަ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. ކޮންމެ ބެޗެއްގައިވެސް ހަފުތާއަކު ތިން ދުވަހު، ޖުމްލަ 12 ސެޝަން ކުރިއަށްދާނެއެވެ.

އެޗްޑީސީ މައުލޫމާތު ދޭ ގޮތުގައި، މި މަހުގެ 5 ވަނަ ދުވަހު ބޭއްވި ހެލްތު އެކްސްޕޯގެ ތެރެއިން ވެސް ގިނަ އަދަދެއްގެ އިސްރަށްވެހިން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައެވެ. އަދި ބައިވެރިވުމުގެ ފުރުސަތު އިތުރުކުރަން ނިންމީ މި ޕްރޮގްރާމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާތީ، ވީހާ ވެސް ގިނަ ފަރާތްތަކަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައެވެ.

މި ސެޝަންތަކުގައި އިސްރަށްވެހިންގެ އުމުރާ ގުޅޭ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެ ކަސްރަތުތަކުގެ އިތުރުންވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.ބައިވެރިންގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ބައިވެރިންނަށް ބޭނުންވާ ދަތުރުފަތުރުގެ އިންތިޒާމާއި، ފަސްޓްއެއިޑްގެ ޚިދުމަތް އަދި ބޯފެނާއި އަރާމުކުރާނެ އިންތިޒާމުތައް ހަމަޖައްސައިދޭނެއެވެ.

މި ޕްރޮގްރާމަކީ އެޗްޑީސީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތާއި، ހުޅުމާލެ ހޮސްޕިޓަލާއި، ދިވެހި ފުލުހުންގެ ހިދުމަތާއި، ފިޒިއޯ ސޮލިއުޝަންސް، ޕެންޝަން އޮފީސް، އެމްޓީސީސީ، އުރީދޫ މޯލްޑިވްސް އަދި ބައެއް މަދަނީ ޖަމިއްޔާތަކުގެ އެއްބާރުލުމާ އެކު ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އެޗްޑީސީގެ މައިގަނޑު އަމާޒަކީ މިފަދަ ޕްރޮގްރާމްތަކުގެ އެހީގައި އިސްރަށްވެހިންގެ ދުޅަހެޔޮކަން ކަށަވަރުކޮށްދީ، ހުޅުމާލެއަކީ ހުރިހާ އުމުރެއްގެ ރައްޔިތުންނަށް ވެސް އަމާން، އުފާވެރި އަދި ހިތްފަސޭހަ މާހައުލަކަށް ހެދުމެވެ.

ad