އުމްރާ ދަތުރު ހަމަޖައްސައިދޭނެ ކަމަށްބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، ހިޔާނާތްތެރިވިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި އަސްކޮއި ގްރޫޕުގެ މައްޗަށް ދައުވާކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮވައިފިއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ހާމަކުރި ގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވެނީ އަސްކޮއެ ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. އެ ކުންފުނީގެ ހަވާލުގައި އުމްރާއަށް ދިއުމަށް 109 މީހަކު ފައިސާ ދެއްކި ނަމަވެސް، އެ ފައިސާއަށް ކުންފުނިން ހިޔާނާތްތެރިވެފައިވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ފުލުހުން ހަމާކޮށްފައިވާ ގޮތުގައި އެ މައްސަލައިގެ ތަހުގީހުން އެ ކުންފުނިން ނަގާފައިވާ ފައިސާގެ ޖުމްލަ އަދަދު 2،660،300 (ދެ މިލިއަން ހަ ލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ) ރުފިޔާއަށް އަރައެވެ.
އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ހުށަހަޅާފައިވަނީ 2025 ވަނަ އަހަރު ޖުލައި 25 ވަނަ ދުވަހު ކަމަށް ފުލުހުން ހަމާކުރެއެވެ.
އަދި އެ އިދާރާއިން މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު ދައުވާކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.
އަސްކޮއެ ގްރޫޕްގެ މައްޗަށް ޚިޔާނާތުގެ ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައި މިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެތެރޭގައި އުމްރާއަށް ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު، އެމީހުން އުމްރާއަށް ނުގެންދިޔަ މައްސަލައިގައެވެ.
މިމައްސަލައިގައި އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއެ ގްރޫޕުގެ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ހިފެހެއްޓުމަށާއި، ޖޫރިމަނާ ކުރުމަށާއި، އަސްކޮއި އަދި އެ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށް ނިންމާފައެވެ.
މީގެ އިތުރުން، ދަތުރަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެ ފައިސާ އަނބުރާ ހަވާލުކުރަން އަންގައި، މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އޭރު ފުލުހުންނަށްމައްސަލަ ހުށަހަޅާފައެވެ.

