logo

ތިމަރަފުށީ ޓެރަރިޒަމްގެ މައްސަލަ: ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި

އާމިނަތު މޫސާ
11 ގަޑިއިރު ކުރިން

ތ. ތިމަރަފުށީގައި އިސްލާމް ދީން ކުރިއެރުވުމުގެ ނަމުގައި ޓެރަރިސްޓް ޖަމަޢަތްތަކަކަށް ތާޢީދުކޮށް ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 8 މީހުންގެ ޝަރީއަތުގެ އަޑުއެހުން ނިންމާލައޮފިއެވެ.

މި މައްސަލާގައި 2021 ވަނަ އަހަރު ހައްޔަރި ކުރުވުނު މީހުންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވުނެވެ.

އެގޮތުން ކޮށްފައިވާ ތުހުމަތުތަކަށް ބަލާލާއިރު، ޓެރެރިސްޓް ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއްކަމަށް ދައްކައި، ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުސާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައްކުރުމަށް ރާވައި އެކަމަށް ހިތްވަރުދީ، އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އައި.ޑީ) އެއް ތައްޔާރުކުރުމަށްފަހު ރާއްޖޭގެ ސަރަހައްދެއްގައި ގޮއްވާލައި، ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް ތައްޔާރުވަމުންދިއުން ހިމެނެއެވެ.

މީގެ އިތުރުން ދަތުރު ދިޔުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ތަމްރީންތައް ހަދަމުންދިޔުމާއި ތ.ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް ހަރުކަށި ފިކުރުގެ ދަރުސްތައް ބޭއްވުންވެސް ހިމެނެއެވެ.

ހަމަ މިއާއެކު ސަރުކާރުން މިސްކިތްތަކަށް ކަނޑައަޅާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިޔުމާއި ހަރުކަށި ފިރުކުރުގެ ފަރާތްތަކާއި ގުޅުންއޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް އެ މީހުންގެ މައްޗަށް ތުހުމަތު ކޮށްފައިވެއެވެ.

މި މައްސަލާގައި ދައުވާލިބޭ 8 މީހަކު ވާއިރު، އެއީ ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒު، ތ. ތިމަރަފުށި، އަސުރުމާގެ މުހައްމަދު އާސިރު، ތ. ތިމަރަފުށި، ފެހިވިދުވަރުގެ އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި، އަސްރަފީވިލާ އަހްސަން މުހައްމަދު، ރ. މަޑުއްވަރި، ބީޗްހައުސް އަބްދުﷲ އިމާދު، ތ. ތިމަރަފުށި، ސައިމާ ޝަމާހު ޝަރީފް، ނ. ކުޑަފަރި، ރޯޒްމީޑު އިބްރާހިމް ލޫތު އަދި ރ. ކަނދޮޅުދޫ، އަލީ އަރުހަމް މުހައްމަދެވެ.

މި މައްސަލާގައި ކޮށްފައިވާ ދައުވާތަކަށް ބަލާލާއިރު، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުން، ހަނގުރާމައަށް ދާން އުޅުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުން، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން ހިމެނެއެވެ.

މި ދައުވާތައް ކޯޓަށް ހުށަހަޅާފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 8 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ޝަރީއަތުގެ އެންމެހައި އަޑުއެހުންތައް އިއްޔެގެ ނިޔަލަށް ވަނީ ނިމިފައެވެ. އިއްޔެގެ އަޑުއެހުމުގައި ދެފަރާތުން ހުލާސާކޮށް ވާހަކަދައްކައި، ފަހު ބަސް އިއްވާފައިވެއެވެ.

ދެން އޮންނާނީ މި މައްސަލާގައި ކޯޓުން ގޮތެއް ކަނޑައެޅުމެވެ. ޖިނާއީ އިޖުރާއަތު ޤާނޫނު ބުނާގޮތުން ޚުލާޞާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން ބޭއްވޭ ތާރީޚުން ފެށިގެން 30 ދުވަސް ތެރޭގައި މައްސަލާގައި ޙުކުމްކުރަންޖެހޭނެއެވެ. އެހެންކަމުން 8 މޭގެ ކުރިން މި މައްސަލާގައި ކޯޓުން ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.

ad