logo

މިދިޔަމަހު ޓެކްސް އާމްދަނީގެ ގޮތުގައި 4.03 ބިލިއަން ރުފިޔާ

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

މިދިޔަމަހު ޓެކްސް އާމްދަނީގެ ގޮތުގައި 4.03 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 17.0 އިންސައްތަ އިތުރު އަދަދެކެވެ.

މިރާއިން ބުނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 4.03 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 17.0 އިންސައްތަ އިތުރު އަދަދެއްކަމަށެވެ. އަދި މިއީ މިދިޔަމަހު ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ 26.8 އިންސައްތަ އިތުރު އަދަދެއްކަމަށް މީރާއިން ބުނެއެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކުރައްވަނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ އިތުރުން ކުންފުނިތަކާއި ފަރުދުން ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުހާއި ގްރީން ޓެކުހުން ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެއިތުރުން، މިދިޔަ އަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ފެބުރުވަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 18.8 އިންސައްތަ އިތުރުވުމަކީވެސް ޖީއެސްޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހުގެ އާމްދަނީ މައްޗަށް ދިއުމަށް މެދުވެރިވި ސަބަބެކެވެ.

މީރާއިން ހާމަކުރި ގޮތުގައި މާރިޗު މަހު ލިބުނު އާމްދަނީގެ 31.4 އިންސައްތައަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ 7.6 އިންސައްތަ ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންނެވެ. އެގޮތުން ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ޖުމްލަ 882 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެން 397 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 411 މިލިއަން ރުފިޔާ، ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 13 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން 61 މިލިއަން ރުފިޔާ ހިމެނެއެވެ.

މިދިޔަމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 2.4 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓްތަކުގެ ކުލިންނަގާ ޓެކުހުންނެވެ. އެއީ 440 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 312 މިލިއަން ރުފިޔާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 271 މިލިއަން ރުފިޔާ، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 248 މިލިއަން ރުފިޔާ، އަދި އާމްދަނީން ނަގާ ޓެކުހުން 198 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަމަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 205.18 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ad