logo

ސުނާމީ ބިނާ މައިޒާން އަލުން ތަރައްގީކޮށް ނިންމާލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 ގަޑިއިރު ކުރިން

ސުނާމީ ބިނާ މައިޒާން އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓި، ހަލާކުވެ ވީރާނާވެފައި އޮތުމަށްފަހު، އެތަނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަލުން ތަރައްގީކޮށް ނިންމާލައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދިޔައީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެ ކުންފުނިން ބުނީ ސުނާމީ ބިނާ މައިޒާން ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތްތައް މި މަހުގެ 2 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ. ސުނާމީ ބިނާ މައިޒާން އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓި، ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައި އޮތުމަށްފަހު، އެތަނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

މި މަޝްރޫއުގެ ތެރެއިން ޕާކުގެ އެހެން ދިމާލަކަށް ސުނާމީ ބިނާ ބަދަލުކުރުން ހިމެނެއެވެ. މީގެ އިތުރުން، ހިނގާބިނގާވެ އުޅުމަށް ފަސޭހަ މަގުތަކާއި، އާއިލާތަކާއި ރައްޓެހިންނާއެކު އިށީނދެލައިގެން ތިބެވޭނެ ގިނަ ޖާގަތަކެއް ހަދައި، ގިނަ އަދަދަކަށް ގަސް އިންދައިގެން އެ މައިޒާން ވަނީ ވަރަށް ބޮޑަށް ފެހިކޮށްފައެވެ.

ސުނާމީ ބިނާ ހުރި ސަރަހައްދުގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓް ޕައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނަމުންދާތީ ޝީޓް ޕައިލްތައް އާކޮށް، ކީވޯލް މަރާމާތުކުރުމުގެ މަސައްކަތްކޮށްފައިވެއެވެ. އަދި އެ ސަރަހައްދުގެ ލޭންޑް ސްކޭޕިންގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

ސުނާމީ ބިނާ އަކި ސުނާމީ ކާރިސާގެ ހަނދާނުގައި މާލޭ ހުޅަނގުފަރާތު ތިން ރުއް ޕާކު ސަރަހައްދަށް ބަދަލުކޮށް، މިހާރު ހުރި ގޮތަށް މައިޒާނެއް ތަރައްގީކުރީ 2016 ވަނަ އަހަރު އެވެ.

ސުނާމީ ބިނާ ފުރަތަމަ ހުރީ މިހާރު ސިނަމާލެ ބްރިޖަށް އަރާ ސަރަހައްދުގަ އެވެ.

ad