މާލޭގެ މަޖީދީ މަގު، އަތަމާ ޕެލަސް ކައިރިން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން މިއަދު ވަނީ ސައިކަލް ދުއްވަން އިން ފިރިހެން މީހާގެ ވީޑިއޯ އާންމުކޮށްފައެވެ.
އެމީހާއަކީ މި މައްސަލައިގައި ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމުން ފުލުހުން ވަނީ މިކަމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އަދި މި އެކްސިޑެންޓްގެ މަންޒަރު ދުށް ފަރާތެއްވާނަމަ އެ މައުލޫމާތެއް ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ފާހަގަކުރެއެވެ.


