logo

ތިނަދޫ ކައުންސިލްގެ ރައީސް، މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާއު އަލީ، ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އެކަހެރިކޮށްފިއެވެ.

ޝުޖާއު ތިނަދޫ ކައުސިލަށް އިންތިހާބުވެފައިވަނީ ދަ ޑިމޮކްރެޓްސްގެ ޓިކެޓެއްގައެވެ. ނަމަވެސް ސިޔާސީ ޕާޓީއެއްގައި ތިބުން ލާޒިމު 3000 މެމްބަރުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ މިހާރު ވަނީ އުވާލާފައެވެ. އެއާއިއެކު ޝުޖާއު ވަނީ އެމްޑީޕީއާއި މިހާރު ގުޅިވަޑައިގެންފައެވެ.

އެލްޖީއޭއިން ވަނީ ޝުޖާއު އަލީ ވަގުތީ ގޮތުން ކައުންސިލުގެ އިދާރާއަށް ނުނިކުތުމަށް އަންގައި، އެ ކައުންސިލް ހިންގުން ނައިބު ރައީސް ސާމިރު އަހުމަދާއި ހަވާލުކޮށްފައެވެ.

ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ސާމިރު އަހްމަދަށް އެލްޖީއޭއިން ފޮނުވި އެ ސިޓީގައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ޅ) ގައި ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހުގައި އެ އިންތިހާބުވި ދައުރު ތެރޭގައި އިންތިހާބު ޕާޓީ ނޫން އެެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އީސީގެ ދަފްތަރުވުމުން ކައުންސިލާއި ކައުންސިލްގެ މެންބަރުކަމުގެ މަގާމުން ވަކިވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި އެ މުއްދަތުގައި ކައުންސިލް ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ކައުންސިލްގެ ނައިބު ރައީސް ހަވާލުވެ މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ވެސް އަންގާފައިވެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުގެ ގާނޫނުގައި ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ ޓިކެޓެއްގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު އެ ހިނގާ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކޮށްފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

ad