އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދުވެސް ކަނޑު ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެ ތެރޭ އަތޮޅުތަކަށް ނިސްބަތްވާ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މެދު ރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލު ދެމެދު ބާރު މިނުގައެވެ.
އަދި ވިލާގަނޑުގައި 35 މޭލަށް ވައިގަދަ ވާނެ ކަމަށެވެ.
ކުރިއަށް އޮތް 3 ދުވަހުވެސް އުތުރުގެ ރަށްތަކަށް މޫސުން ގޯސްވާނެ އެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރިނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
ޢީދު ބަންދަށް ގިނަ ބަޔަކު ދަތުރު ކޮށްފައިވާއިރު، އެކި ރަށްރަށުން އެތަށް ބަޔަކުވަނީ މާލެއަށް ވެސް އައިސްފައެވެ.
ބަންދު ދުވަސްތަކަކަށްފަހު މާދަމާއަކީ އަނެއްކާވެސް ސަރުކާރުގެ އޮފީސްތަކާއި، ސްކޫލުތައް ހުޅުވޭ ދުވަހެވެ.


