ގިނަ އަދަދެއްގެ ފަތުރުވެރިންނާއިއެކު އިތުރު ކްރޫޒްލައިނާއެއް ރާއްޖެއަށް އަތުވެއްޖެއެވެ.
ސީޝެލްސްގެ ސީޝެލްސް ގެ ވިކްޓޯރިއާ ޕޯރޓް އިން ފުރައިގެން ރާއްޖެއަށް އައިސްފައިވަނީ "އެމްއެސް ކްރިސްޓަލް ސިންފޮނީ" ނަމަކަށް ކިޔާ ކްރޫޒްލައިނަރއެކެވެ. މި ކްރޫޒްލައިނުން ރާއްޖެއަށް 587 ފަތުރުވެރިންނާއި 489 ކްރޫ މެންބަރުން އައިސްފައެވެ.
އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި، އިއްޔެ މާލެ އައި އެ ކްރޫޒްލައިނާގައި ތިބި ފަސިންޖަރުންނާއި ކްރޫނަށް ކްލިއަރެންސް ދިނުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެ މަސައްކަތް ކުރީ އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަންގެ އޮފިސަރުންނެވެ.
ބަހާމާސްގެ "އެމްއެސް ކްރިސްޓަލް ސިންފޮނީ" ރާއްޖެއިން ފުރުއިގެން ދަތުރުކުރާނީ ސްރީލަންކާގެ، ކޮލޮމްބޯއަށެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެ އައި 6 ވަނަ ކްރޫޒްލައިނާއެވެ.
ކުރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން ފަތުރުވެރިކަމާބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ސަރުކާރުން ދަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒް ލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންނެވެ. ކަނޑުމަގުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

