މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވާ ތަކެތި، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބަހަން ފަށާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޒަކާތް ހައުސް އިން ބުނީ، މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު، އެ ތަކެތި ބެހުމުގެ މަސައްކަތް ކުރިއަށްދާނީ މިމަހުގެ 17 އަދި 18 ވަނަ ދުވަހަށް ކަމަށެވެ. ގޮވާމުން ލިބުނު ތަކެތި ބަހަމުން ދަނީ މާލޭގައި ހުންނަ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައެވެ.
ޒަކާތު ހައުސްއިން ބުނިގޮތުގައި، ޒަކާތް ބަހަމުންދާނީ މި ދެ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރުފަހު 13:00 އިން 15:00 އަށެވެ. މި ގޮވާމުގެ ތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަސެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ޒަކާތުގެ ގޮތުގައި 5.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ފާއިތުވި ތިން އަހަރާ އަޅާބަލާއިރު ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު އެންމެ ގިނައިން ޒަކާތް ލިބުނު އަހަރެވެ. ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ޖަމާކުރާނީ ފަޤީރުންގެ ދަފްތަރުގައިވާ ފަރާތްތަކުގެ ބޭންކް އެކައުންޓްތަކަށް ކަމަށްވެސް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ.
ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބު، ދީނުގެ އެއް ރުކުނެވެ. ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ސާއެއް ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ.

