logo

ރަސްމާލެ ފުރަތަމަ ސައިޓް އޭގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ރަސްމާލޭގެ ހިއްކުމުގެ މަސައްކަތުގެ ސައިޓް.އޭ ގެ މަސައްކަތް ނިމުމަކާ ގާތަށް ހިނގައްޖެއެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އެމްއޭސީއެލް އިން މައުލޫމާތު ދޭ ގޮތުގައި، ސައިޓްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސައިޓް އޭ އިން ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 116 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިމިފައެވެ. މިއީ އެ ސައިޓުގެ ޖުމްލަ މަސައްކަތުގެ 84 އިންސައްތައެވެ.

މި މަސައްކަތް ކުރިއަށްދަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް، ތާވަލާ އެއްގޮތަށް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި މި މަސައްކަތް މިހާރު ކުރިއަށް ގެންދަނީ ދުނިޔޭގައި ބިން ހިއްކުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ޑްރެޖަރު ބޭނުން ކޮށްގެންނެވެ. މިއީ، 46،000 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭ އުޅަނދެކެވެ. ރަސްމާލޭގައި ދުވާލަކު ދޮޅު ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކައެވެ.

ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފުރަތަމަ ފެށީ 2023 އަހަރުގެ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހުއެވެ. މަސައްކަތްތައް އަވަސްކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށް މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

ރަސްމާލެ ތަރައްގީކުރާ މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެށި އެންމެ އުއްމީދީ ބޯހިޔާވަހިކަމުގެ މަޝްރޫޢެވެ.

ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައި ތަރައްގީކުރާ ރަސްމާލެއިން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫޢުގެ ފުރަތަމަ ބުރުގައި އެކަނިވެސް 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ރަސްމާލެ ހިއްކުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުމެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ ބިންހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢެވެ.

ad