ރޯދަ ހަދިޔާގެ ގޮތުގައިސަރުކާރުން ދޫކުރާ މަސްދަޅު ކޭސް ބެހުން މިރޭގެ 23:00 އަށް ނިންމާލާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މި އަހަރުގެ ރަމަޟާން މަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ)ގެ ގޭބިސީތަކަށް ދޫކުރުން ކުރިއަށްދަނީ މިރޭގެ 23:00 އާއި ހަމައަށް ކަމަށެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުން ދާނީ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށެވެ. މަސްދަޅު ކޭސް ދޫކުރާ ސުންގަޑިއަކީ މިރޭ 23:00 ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މިހާތަނަށް މާލެ ސަރަޙައްދުގައި 43،923 މަސް ދަޅު ކޭސް ވަނީ ދޫކޮށްފައެވެ. މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 އެވެ. މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ.
އަދި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުންނެވެ.
މާލޭ ސަރަޙައްދުގައި 14 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރަމުންދާނެއެވެ. މަސްދަޅު ކޭސް ހޯދުމަށް ޓޯކަން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އެވެ. ފަހު ވަގުތަށް މަޑުނުކޮށް އަވަހަށް މަސްދަޅު ކޭސް ބަލައި ދިއުމަށް އެވުޒާރާއިން ވަނީ އެދިފައެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިނިސްޓްރީއާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ މިދިޔަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ.
