މި ފެށޭ އެޕްރީލްމަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާނެ މަސްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މި ދުވަސްވަރު ރާއްޖެއަށް އާދަޔާ ޚިލާފަށް ހޫނުވާ ސަބަބުތަކާއި، ހޫނުން ރައްކާތެރިވުމަށްޓަކައި ސިއްޙީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި މޫސުމާބެހޭ ޤައުމީ އިދާރާގެ މީޓްރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ، ކޮންމެ އަހަރެއްވެސް މާރިޗު އަދި އެޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރުކަމަށެވެ. އަދި މި ދުވަސްވަރު ވިލާ މަދުވެފައި، ވައިމަޑުވެ، ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާކަމަށެވެ.
ހުސައިން ވަހީދު ވިދާޅުވީ މީގެސަބަބުން، އާންމު ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވެގެންދާކަމަށެވެ. އަދި ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުވެސް ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ހޫނުވާނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ.
ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުވެސް ޚާއްސަކޮށް އުތުރުގެ ހިސާބުތަކަށް ވިއްސަރައިގެ އަސަރު ވަރަށް ކުޑަކަމަށް ހުސެން ވަހީދު ވިދާޅުވިއެވެ. އަދި ކުރިއަށްމިއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަވި ވަރަށް ގަދަވާނެކަމަށާއި އެހެންނަމަވެސް ދެކުނުގެ ރަށްތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފެބްރުވަރީ މަހުން ފެށިގެން މިހާތަނަށް ރާއްޖޭގެ އެއްވެސް ހިސާބަކަށް ބޯކޮށް ވާރޭވެހިފައިނުވާކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ އެހެން ހުރިހާ ހިސާބުތަކަށްވުރެ މާލެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން ގަދަކަމަށެވެ.
މި ދުވަސްވަރު މިހާބޮޑަށް ހޫނުގަދަމިވަނީ ވާރޭވެހުން ވަރަށް ބޮޑަށް މަދުވެފަވާތީކަމަށާއި މިދިޔަ ފެބްރުއަރީމަހުގެ މެދަކާ ހިސާބުން ފެށިގެން މާރޗްމަސް ނިމުމަކާ ހަމައަށް އައިއިރުވެސް ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް ވާރޭ ވެހިފައިނުވާކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ.
ހުސައިން ވަހީދު ވިދާޅުވީ، އޭޕްރިލްމަހުގެ މެދުތެރޭ މިހާރު މިވާ ހޫނުމިން ނިމުމަކަށްއަންނާނެކަމަށް ލަފާކުރެވޭކަމަށެވެ.އިހުސާސްކުރެވޭ ހޫނުމިން މަތިވުމުގެ ސަބަބުން ސިއްޙީ ގިނަ މައްސަލަތަކާވެސް ކުރިމަތިވާކަން ފާހަގަކުރައްވާ އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފާތުމަތު ޝަބާނާވަނީ ހޫނުން ރައްކާތެރިވުމަށްޓަކައި ސިއްޙީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފައެވެ.
ޝަބާނާ ވިދާޅުވީ، ހޫނުގަދަވުމުގެ ސަބަބުން ބޮލުގަ ރިއްސުމާއި، ވަރުބަލިވުމާއި، ލޮލަށް ގެއްލުން ލިބުމާއި، ހަންގަނޑު އެދުން ފަދަ ސިއްޙީ ގިނަ މައްސަލަތަކާ ކުރިމަތިވާކަމަށެވެ. އަދި މި ކަންކަމުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރެއްވިއެވެ.
އެގޮތުން، ހޫނުގަދަ ގަޑިތަކުގައި ބޭރަށް ނުގެންދިއުމަށާއި، ގިނައިން ފެން ބުއިމަށާއި، ބޭރަށްދާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރެއްވިއެވެ.


