ނިމިދިޔަ 2025 ވަނަ އަހަރުގެ ތެރޭގައި މަސްވެރިންނަށް 927 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެވެ. މިފްކޯއިން މަޢުލޫމާތު ދިން ގޮތުގައި، މި އައު އުސޫލާ ގުޅިގެން މަސްވެރި ކަމަށް ނުކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.
މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރު އެ ކުންފުންޏަށް 58،000 އަށްވުރެ ގިނަ ޓަނުގެ މަސް ވަނީ ކިރުވާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި މަސްވެރިންނަށް މުޅި ޖުމްލަ 927,867,656 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ފެބުރުވަރީ މަހުގައެވެ. އެގޮތުން އެމަހު މަސްވެރިންނަށް 138.9 މިލިޔަން ރުފިޔާވަނީ ދޫކޮށްފައެވެ.
ނިމިދިޔަ އަހަރަކީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މުހިންމު ނިންމެވުންތަކެއް ތަންފީޒުކުރަން ފެށި އަހަރެކެވެ. އެގޮތުން، މިފްކޯއިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަށް ހެދުމެވެ. މި މަގްސަދުގައި ރާއްޖޭގައި މަސް ރައްކާކުރެވޭ މިންވަރު ދެގުނަ ކުރުމާއި، މަސް ޕްރޮސެސިންގ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެގޮތުން މަސްވެރި ސިނާޢަތް ސިންދަފާތު ކުރުމަށްވެސް ޕްލޭންތައް ހަދައި މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާޢަތަށް މަސްވެރިކަން ހެދުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

