ގ. ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ގޭގައި ގަސްތުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ، މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެއީ ލ. މާބައިދޫ، ސަބުނަމްހައުސް/ ހުސެއިން ޝަހްބާން 29، އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 2026 މާރިޗު 22 ވަނަ ދުވަހުގެ ރޭގައެވެ.
މި މައްސަލައިގައި ހައްޔަރުކުރި ޝަޙްބާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ. މި ހާދިސާ ހިނގި ދުވަހު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެ މީހާ އެ ގެއަށް ވަދެފައި، ނުކުންނަ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފޫޓޭޖް ވެސް މީގެކުރިން ވަނީ އާންމުވެފައެވެ. ވީޑިއޯގައި ފެންނަނީ ކަޅު ކުލައިގެ ވޭވް ސައިކަލެއްގައި ދިޔަ މީހަކު ވެހިކަލް ޕާކު ކުރުމަށް ފަހު، އެ ގެއަށް ވަންނަ މަންޒަރެވެ. ކަޅު އަވި އައިނެއް އަޅައިގެން ހުރި އެ މީހާ ލައިގެން ހުރީ ހުދާއި ކަޅު ކުލައިގެ ގޮޅިޖެހި ގަމީހެކެވެ.
އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ގުދަނެއްގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ފަންގިފިލާގައި ރޯވުމުގެ ސަބަބުން އެ ތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

