logo

ލަންކާގެ އިތުރު ހޮސްޕިޓަލަކުން އާސަންދަ ދޭން ފަށައިފި

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

ލަންކާގެ އިތުރު ހޮސްޕިޓަލަކުން ދިވެހިންނަށް އާސަންދަ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.

އަލަށް އާސަންދަ ދޭން ފަށާފައިވަނީ ލަންކާގެ ކޮލޮމްބޯގައި ހުންނަ ކިންގްސް ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލުން ބުނީ މިދިޔަ މަހުން ފެށިގެން އާސަންދައިގެ ދަށުން ބަލި މީހުންނަށް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.

އެހެންކަމުން ލަންކާއަށް ބޭސްފަރުވާއަށްދާ ދިވެހިންނަށް ކޮލަމްބޯއިން ހަރަދު ކުޑަކޮށް ހިދުމަތް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

އާސަންދައިގެ ހިދުމަތް ކިންގްސް ހޮސްޕިޓަލުން ފުޅާކޮށްފައި މި ވަނީ، ދިވެހިންގެ މެދުގައި މަގުބޫލު ލަންކާ ހޮސްޕިޓަލުން އާސަންދަ ދިނުން ދާދި ފަހުން މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާގުޅިގެން އާސަންދަ ކުންފުނިން އޭރު ބުނީ އެ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު، ދެ ފަރާތުން ހުށަހެޅި ކަންކަމަށް އެއްބަސްނުވެވިގެން އެއްބަސްވުން އާނުކުރެވުނީ ކަމަށެވެ.

ލަންކާ އަދި އަވަށްޓެރި އިންޑިއާ ހިމެނޭގޮތަށް ރާއްޖެއިން ބޭރުގެ 63 ހޮސްޕިޓަލަކުން އާސަންދައިގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ވަނީ އެއްބަސްވުން ހަދާފައެވެ.

ad