logo

އެފްއެސްއެމްގެ ޝެޑެއް ދ.މީދޫގައި ހުޅުވައިފި

އާމިނަތު މޫސާ
21 ގަޑިއިރު ކުރިން

ރާއްޖޭގެ ހުރިހާ ހިސާބަކަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުގެ ދަށުން، ރ. މީދޫގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ފިއުލް ސްޓޭޝަނެއް ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ހުރިހާ ހިސާބަކަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އެފްއެސްއެމް ގުޅިގެން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ބަހައްޓައިގެން ތެލުގެ ޚިދުމަތް ދިނުމުގެ މި ބޮޑު މަޝްރޫޢު އިފްތިތާޙްކޮށްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢަކީ މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް، މާލެއާ އެއް އަގަކަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ.

މީދޫގައި އަލަށް ހުޅުވި މި ފިއުލް ސްޓޭޝަނުން ސައިކަލާއި، ކާރު އަދި ޕިކަޕް ފަދަ އެއްގަމު ހުރިހާ އުޅަނދުތަކަކަށް ޕެޓްރޯލް އެޅުމުގެ ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން، އޮޑިދޯނިފަހަރަށާއި ލޯންޗުފަހަރަށް ބޭނުންވާ ޑީސެލް އެޅުމުގެ އިންތިޒާމުވެސް މި ސްޓޭޝަނުގައި ވަނީ ހަމަޖައްސާފައެވެ.

މި މަޝްރޫޢުގެ ދަށުން، މިހާތަނަށް މީދޫ ހިމެނޭހެން ޖުމްލަ ހަތް ރަށެއްގައި ވަނީ ޚިދުމަތް ދޭން ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ފިއުލް ސްޓޭޝަނެއް ހުޅުވީ މިދިޔަ ޑިސެމްބަރު މަހު ރ. ދުވާފަރުގައެވެ. އޭގެ ފަހުން ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ބ. އޭދަފުއްޓާއި، ށ. މިލަންދޫގެ އިތުރުން ފ. ނިލަންދޫގައި ވަނީ މި ޚިދުމަތް ފަށާފައެވެ.

މިހާރު ގިނަ އަތޮޅުތަކުގައި ތެޔޮ ފޯރުކޮށްދެނީ އަމިއްލަ ފަރާތްތަކުން ކަމަށްވާތީ، އާންމު ރޭޓަށްވުރެ ބޮޑު އަގުގައި ތެޔޮ ގަންނަން ޖެހުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް، ސަރުކާރުން ފަށާފައިވާ މި މަޝްރޫޢުގެ ސަބަބުން، މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގެ ރަށްރަށުންވެސް ހެޔޮ އަގުގައި ތެޔޮ ލިބި، ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އެފްއެސްއެމުން މިހާރުވެސް މާލޭގެ ތިން ސަރަހައްދެއްގައި ފިއުލް ޝެޑްތައް ހިންގަމުންދާއިރު، އަތޮޅުތެރޭގެ އިތުރު ރަށްރަށުގައިވެސް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

ad