logo

މާލެ ސަރަހައްދަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ، އޮރެންޖް ސަމާލު ނެރެފި

އާމިނަތު މޫސާ
2 ދުވަސް ކުރިން

ނުރައްކާތެރި މިންވަރަކަށް މާލެ ސަރަހައްދަށް ވައި ނުސާފުވުމުގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އޮރެންޖު އެލާޓު ނެރެފިއެވެ.

ވައިގެ ސާފުކަން ދައްކައިދޭ އައިކިއު އެއާއިން ދައްކާ ގޮތުގައި، މާލޭގައި ޔޫއެސް އައިކިއުއައި ހުރީ 117ގައެވެ. އެއީ، ނުރައްކަލުގެ އޮރެންޖު ސަމާލު ލެވެލް ކަމަށްވާއިރު، ފައިން ޕާޓިކިއުލޭޓް މެޓާ ނުވަތަ ޕީއެމް2.5 މާލޭގައި ހުރީ، ކޮންމެ ކިއުބިކް މީޓާއަކަށް 42 މައިކްރޯގްރާމްގައެވެ.

ވިލިމާލޭގައި ޔޫއެސް އައިކިއުއައި ހުރީ 155ގައި ނުރައްކަލުގެ ރަތް ސަމާލު ލެވެލްގައެވެ.

އެހެންވެ، އިއްޔެ އެޗްޕީއޭއިން ވަނީ، މާލެ ސަރަހައްދަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފު ކަމަށް ބުނެ، އޮރެންޖު ސަމާލު ނެރެފައެވެ.

އެޗްޕީއޭގެ އޮރެންޖް ސަމާލުގައި ބުނީ، ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު މިހާރު ބޮޑު ކަމަށެވެ. ނާޒުކު ހާލަތްތަކުގައިވާ ފަރާތްތައް ކަމަށް ބުނެފައިވަނީ ތުއްތު ކުދިންނާއި ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔަށް ފަރުވާ ކުރާ މީހުންނާއި އެލާޖީގެ މައްސަލަތައް ހުންނަ މީހުންނެވެ.

ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން އެހެންވެ، އެ އެޖެންސީ ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމަށާއި ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އެޗްޕީއޭއިން ވަނީ، ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލަން އިލްތިމާސްކޮށްފައެވެ.

މާލެ ސަރަހައްދަށް ވައި ނުސާފުވުމުން އޮރެންޖު އެލާޓު ނެރުނުއިރު، ކުރިއަށް އޮތް ހަފްތާގައި ވެސް މާލެ ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިނުސާފުވާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބަހެެ ގައުމީ އިދާރާއިން ވަނީ ބުރާސްފަތި ދުވަހު ވަނީ ބުނެފައެވެ.

ad