ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ރަޝިއާގެ ޤައުމީ އެއާލައިން، އޭރޯފްލޮޓް އަށް ޚިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން އޭރޯފްލޮޓް އަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ޕްރިންސިޕަލް ސެކްރެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ، ޙުސެއިން ފަހުމީއެވެ.
މި ރަސްމިއްޔާތުގައި، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު، އިބްރާޙިމް ޝަރީފު މުޙައްމަދާއި އޭރޯފްލޮޓްގެ ފަރާތުން ރާއްޖޭގައި ހުންނަ ޖެނެރަލް މެނޭޖަރު، އެވްގެނީ ރަޓުޝްނީ އާއި ރަޝިއަން ފެޑެރޭޝަނުން ރާއްޖެއަށް ޢައްޔަންކުރައްވާފައި ހުންނަވާ ކޮންސުލް ޖެނެރަލް، އެލެކްސީ އެމް އިޑަމްކިން އާއި އޭރޯފްލޮޓްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން، މި ރަސްމިއްޔާތުގައި އޭރޯފްލޮޓް ގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 133 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އޭރޯފްލޮޓްގެ ފުރަތަމަ ފްލައިޓް, SU-320 އިން ރާއްޖެ އައި 384 ފަސިންޖަރުންނަށް ވަނީ ސަޤާފީ ޙަރަކާތްތަކާއެކު، ހޫނު މަރުޙަބާއެއް ކިޔާފައެވެ.
ރަޝިއާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އޭރޯފްލޮޓް އިން ރާއްޖެއަށް ދަތުރުތައް ފެށީ 4 އޮގަސްޓް 1994 ގައެވެ. މި އެއާލައިނާއެކު، ޓާމިނަލް 1 އިން މިހާރު ދަނީ 39 އެއާލައިނަކަށް ޚިދުމަތް ދެމުންނެވެ.
އެމްއޭސީއެލްއިން ބުނީ، އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ.

