logo

ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށަނީ

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

އަންނަ ހޮނިހިރު ދުވަހުން ފެށިގެން، ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފިއެވެ.

ޒަކާތު ހައުސް އިން ބުނީ މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން ގޮވާމުން ޒަކާތް ބަލައިގަންނާނީ މި މަހުގެ 14 އަދި 15 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށެވެ. އަދި މި މަހުގެ 16 ވަނަ ދުވަހުން 18 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް، އަދި މެންދުރުފަހު 13:00 އިން 15:00 އަށް ގޮވާމުން ޒަކާތް ބަލައިގަތުން ކުރިއަށްދާނެއެވެ.

ގޮވާމުން ޒަކާތް ބަލައިގަތުން ކުރިއަށްދާނީ މާލޭގެ، ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން، (ސީއެޗްއެސްއީ) އިމާރާތުގައި ކަަމަށްވެސް ޒަކާތު ހައުސް އިން ބުންޏެވެ. ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ނިންމާފައިވާއިރު، ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ އޮންލައިންކޮށް ޒަކާތް ބަލައިގަންނަން ފަށާފައެވެ.

މި ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުތައް:

  1. އާދައިގެ ހަނޑޫ: 12 ރުފިޔާ
  2. ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
  3. ރަތް ހަނޑޫ: 96 ރުފިޔާ
  4. ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
  5. ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ
  6. ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
  7. އާދައިގެ ފުށް: 10 ރުފިޔާ
  8. އާޓާ ފުށް: 75 ރުފިޔާ

އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނާނީ ރޯދަ މަހުގެ 27 ވަނަ ދުވަހާ ހަމައަށެވެ. އެގޮތުން ދިރާގު ޕޭ، އެމް ފައިސާ، ފައިސާ މޮބައިލް، ބީއެމްއެލް، ފަހިޕޭ އަދި އަވަސް އެޕްގެ އިތުރުން ބަނޑޭރި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ.

ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެއެވެ. އަދި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށް، ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ދެއްކޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

އެ ފަރާތްތަކަށް ހާއްސަކޮށް މާލޭގައި ޒަކާތް ބަލައިގަތުމަށް އިސްލާމީ މަރުކަޒުގައި ކައުންޓަރުތަކެއް ގާއިމުކޮށް ޒަކާތް ބަލައިގަންނަން ފެށީ މިދިޔަ މަހުގެ 22 ގަ އެވެ. އަދި މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން 14:00 އަށް އެ ކައުންޓަރުތަކުން ޒަކާތް ބަލައިގަންނާނެއެވެ. އަތޮޅުތެރޭގެ ރަށްރަށުގައި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ފިތުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ކައުންސިލު އިދާރާއަށް ގޮސްގެންނެވެ.

ad