ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ 2024 ވަނަ އަހަރުގެ ހަރަދުތައް ކުރީ މާލިއްޔަތު ޤަވާއިދުގެ ތެރެއިން ރަނގަޅަށްކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
ރައީސް އޮފީހުގެ 2024 ވަނަ އަހަރުގެ ފައިނަލް ބަޖެޓަކީ، 241.2 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ހަރަދުތަކުގެ ގޮތުގައި ހިނގާފައިވަނީ، 240.1 މިލިއަން ރުފިޔާއެވެ. ހަރަދުތައް ކުރުމަށްފަހު އެ އަހަރު 1.2 މިލިއަން ރުފިޔާ ބާކީވެފައިވެއެވެ.
އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓްގައި ވަނީ އެ އޮފީހުގެ 31 ޑިސެމްބަރު 2024 ގައި ނިމުނު މާލީ އަހަރުގެ ހިސާބުތައް ރަނގަޅު ކަމަށެވެ.
އަދި ބަޖެޓާއި އެ ބަޖެޓުން ހޭދަކޮށްފައިވަނީ ލިބުނު ފައިސާ އާއި ހަރަދުތަކަކީ މައިގަނޑު ގޮތެއްގައި ދައުލަތުގެ ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ހުރި ރެކޯޑްތަކުން ދައްކާ އަދަދުތައް ކަމަށެވެ.
ފާސްކުރި ބަޖެޓްގައި ކަނޑައަޅާފައިވާ ކަންތައްތަކަށް، ބަޖެޓްގައި ކަނޑައަޅާފައިވާ މިންވަރަށް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވައިދުތަކާ އެއްގޮތަށްކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.


