logo

ޝަހުޒާން އާއި ލީވާން ވަކި ދެ ގޮޅިއަކަށް ބަދަލުކުރީ އެ މީހުން ތިބި ގޮޅިން ފޯނެއް ފެނިގެން: އިހްސާން

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ގަޑިއިރެއް ކުރިން

ޖަލުގައި އެއްވެސް މީހަކަށް ލާއިންސާނީ އަނިޔާއެއް ދީފައި ނުވާ ކަަމަށާއި، ނޫސްވެރިއާ ޝަހުޒާން އާއި ލިވާން ވަކި ދެ ގޮޅިއަކަށް ބަދަލުކުރީ އެ މީހުން ތިބި ގޮޅިން ފޯނެއް ފެނިގެން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިހްސާން ވިދާޅުވީ ޖަލަށް ވެއްދުން މަނާ ތަކެތި ގޮޅިން ފެނުނު މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ. އެ ދެމީހުން އެހެން ގޮޅިއަކަށް ބަދަލުކުރުމުގެ ކަންބޮޑުވުން ލީވާންގެ ވަކީލުން މީގެކުރިން ވަނީ ފާޅުކޮށްފައެވެ. އެއްވެސް އިދާރާއަކުން މި ސަބަބުން މީގެ ކުރިން ހާމަކޮށްފައެއްނުވެ އެވެ. އަދި އެގޮޅިން ފޯނު ފެނުނު ވާހަކައެއްވެސް ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއްނުވެ އެވެ.

ޖަލުން މިނިވަންވުމަށްފަހު އިއްޔެ ޝަހްޒާން ނޫސްވެރިންނާއި ވާހަކަދައްކަމުން ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. ޝަހުޒާން ބުނި ގޮތުގައި އޭނާއާއި ލީވާން ފުރަތަމަ އެއް ގޮޅިއެއްގައި ބޭތިއްބުމަށްފަހު ދެމީހުން ވަކި ގޮޅިއަކަށް ލާން އެއްވެސް ސަބަބެއް ނެތި ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށެވެ.

އިހުސާން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހު އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން އެރޭގެ 19:35 ހާއިރު ޝަހުޒާނާއި ލީވާން ބަންދުކޮށްފައި ތިބި ގޮޅި ކަރެކްޝަންސްގެ އޮފިސަރުން ވަދެ އެ ދެމީހުންގެ ހާޒިރުގައި ބަލައި ފާސްކުރި އިރު، އެ ގޮޅީގައި ހުރި އަލަމާރީގެ ތެރޭ ހުރި އަންނައުތަކުގެ ތެރެއިން މޯބައިލް ފޯނެއް ފެނިފައިވާ ކަމަށެވެ.

މިކަންކަމަކީ ވަކި ގައިދީއަކަށް ނުވަތަ ވަކި ފަރާތަކުން އަންގައިގެން ކުރާ ކަންކަމެއް ނޫން ކަމަށާއި، އަމުދުން ޖަލުގައި މިފަދަ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ކަންކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވަޒީރު ކަމުގައި ރައީސް ޑރ. މުއިއްޒު ދުވަހަކުވެސް ޖަލުގެ އެފަދަ ކަންކަމާ ގުޅިގެން އެއްވެސް މިންވަރަކަށް އިރުޝާދު ދެއްވާފައެއް ނުވާނެ ކަމަށެވެ.

ad