logo

ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގައި އުޅޭ މީހުންނަށް 1 ލައްކަ ރުފިޔާގެ އިނާޔަތެއް ދެނީ

އާމިނަތު މޫސާ
14 ގަޑިއިރު ކުރިން

މާލެހިޔާ އަދި ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ މީހުންނަށް އެއް ލައްކަ ރުފިޔާގެ އިނާޔަތެއް ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވަފައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ، ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް، އިއްޔެ ހަވީރު މުލިއާގޭގައި ބޭއްވި ބައްދަލުވުމެއްގައެވެ.

އެ ބައްދަލުކުރެއްވުމުގައި، ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ އެ ފްލެޓްތަކުގެ ހާލަތާއި، ދައްކަންޖެހޭ ކުއްޔާއި، ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދެވުމުގެ ގޮތުން، ސިނަމާލެ 1، 2، 3 އަދި 4 އާއި، މާލެހިޔާ 1 އަދި 2 ގެ ވެރިފަރާތްތަކަށް އިނާޔަތެއް ދެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ

އެގޮތުން، އެ ފްލެޓްތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކޮށްދެއްވުމަށާއި ފްލެޓްތައް ބައުވެ، ސްޓްރަކްޗަރ ހަލާކުވެފައިވާތީއާއި، އެކަމަށް ހައްލެއް ހޯއްދަވައިނުދެވި ގިނަ ދުވަސްވެފައިވާތީ، އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި 100،000 (އެއްލައްކަ) ރުފިޔާ ދެއްވުމަށް ރައީސް ޑރ. މުއިއްޒު ވަނީ ނިންމަވާފައެވެ.

އެ އިނާޔަތް ދިނުމުގައި ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުވާނަމަ، އެއްލައްކަ ރުފިޔާއާ ހަމައަށް އުނިކުރެވޭނެއެވެ. ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު އެއްލައްކަ ރުފިޔާއަށް ވުރެ ކުޑަނަމަ، އެ މިންވަރެއް މައާފުކުރުމަށްފަހު، އެ އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރެވޭނެއެވެ. އަދި ފްލެޓް މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް އެއްލައްކަ ރުފިޔާ އެއްކޮށް، އެޕާޓްމަންޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ad